ޚަބަރު

ރާއްޖޭގެ ކޯޓަކުން ކުރެވުނު އެންމެ ދިގު ޖަލު ޙުކުމް މަންޑޭއަށް ކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫޙު (މަންޑޭ) މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާތީ މަމްދޫހަށް 397 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

Ads by STELCO

މަމްދޫޙުގެ އިތުރުން އޭނާގެ ބައިވެރިން، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫ، ގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި އެ ކުންފުނީގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި ހަންބޯގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ތަރައްޤީކުރަމުންދާ އިމާރާތުގެ އެޕާޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކައި އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި 94 ދަޢުވާއެއް އުފުލިއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަމްދޫހުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވަނީ ސާބިތުވެފައެވެ. އެގޮތުން މަމްދޫހުގެ މައްޗަށް ޓެކުންގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ވަނީ ސާބިތުވެފައެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މަމްދޫހުގެ މައްޗަށް ސާބިތުވި ޓެކުމުގެ ކޮންމެ ދައުވާއަކަށް 8 އަހަރު ހިމެނޭހެން ޖުމްލަ 368 އަހަރުގެ ހުކުމެއް އިއްވާފައެވެ. އަދި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގައި 14 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގައި ދޮޅު އަހަރުގެ ޖަލުހު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލުހުކުމެއް ވެސް ވަނީ އިއްވާފައެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގައި މަމްދޫހުގެ މައްޗަށް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުކުރުކޮށްފައެވެ.