ޚަބަރު

ތުއްތު ދަރިފުޅުގެ ނެޕީ ހަޑިވި ނަމަވެސް ބެލެނިވެރިޔާގެ ޠަވާފް ޞައްޙަވާނެ: ޝަހީމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ނެޕީ ޖައްސާވަރުގެ ތުއްތު ކުއްޖަކު ގޮވައިގެން ޠަވާފްކުރާ ނަމަ، އެ ކުއްޖާގެ ނެޕީ ހަޑިވި ނަމަވެސް ބެލެނިވެެރިޔާގެ ޠަވާޕް ޞައްޙަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ނެޕީ ޖައްސާވަރު ތުއްތު ކުއްޖަކު ގޮވައިގެން އުމްރާކުރާ ނަމަ، ޠަވާފްކުރަން ފެށުމުގެ ކުރިން ކުއްޖާގެ ނެޕީ ހަޑިވެފައިވާ ނަމަ، އެ ނެޕީ ބަދަލުކޮށްލާށެވެ. އަދި ޠަވާފުކުރަން ފެށުމުގެ ފަހުން ނެޕީ ހަޑިވި ނަމަވެސް އެކަމަކުން ގެއްލުމެއް ނެތް ކަމަށާއި ޠަވާފްކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ބެލެނިވެރިޔާއަށް ތުއްތު ކުއްޖާގެ ނެޕީ ބަދަލުކުރަން ވަގުތު ނުލިބި، ހަޑިވެފައިވާ ނެޕީގައި ތުއްތު ދަރިފުޅު ގޮވައިގެން ޠަވާފްކުރަން ފަށަން ޖެހުނު ނަމަވެސް، އެ ޙާލަތުގައި ބެލެނިވެރިޔާގެ ޠަވާޕާއި ކުއްޖާގެ ޠަވާފް ވެސް ޞައްޙަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބެލެނިވެރިޔާއާއި ކުއްޖާގެ މައްޗަކަށް އެއްވެސް ގޯހެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތުއްތު ކުއްޖާ މުކައްލަފަކަށް ނުވާނެ. އެ ކުއްޖާގެ އިޙްރާމްގައި ހުރެ ކުރުން މަނާކަމަކާ ގުޅިގެން، އެކުއްޖާ ވެސް ބެލެނިވެރިޔާ ވެސް އެއްވެސް ފިދުޔައެއް ދައްކާކަށް ނުޖެހޭނެ." ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.

ހަމައެހެންމެ އިހްރާމް ފޭލި ތުއްތުކުދިންގެ ސައިޒަށް ބުރިކޮށް ހަދާފައި ހުރުމަކުން އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ތުއްތުކުދިން އުމްރާގެ އަޅުކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށާއި އެ ކުދިންނަށް މާތްﷲ ސަވާބާއި ބަރަކާތް ލައްވާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!