ހުކުރު ހުތުބާގެ މައުޟޫތަކާ ގުޅޭގޮތުން ހިޔާލު ހޯދަނީ
ހުކުރު ހުތުބާ ތައްޔާރުކުރާނެ މައުޟޫތަކާ ގުޅޭ ގޮތުން ހިލާލަށް އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވައިލައިފިއެވެ.
ޒަމާންތަކެއް ވަންދެން ރާއްޖޭގައި ކިޔަމުން ދިޔައީ އެއް ހުތުބާތަކެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ދަނީ އެކަން ބަދަލުކޮށް ކޮންމެ ހުކުރެއްގައި ވެސް ތަފާތު ހުތުބާއެއް ކިޔަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު ހުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ މި އަހަރު ހުތުބާ ލިޔުމަށް މައުޟޫ ހުށަހެޅުމަށް މިހާރު ހުޅުވައިލައިފައިވާ ކަމަށާއި އެ މައުޟޫތައް މިނިސްޓްރީގެ ޕޯސްޓުގެ ކޮމެންޓުގައި ހުށަަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ޕޯސްޓަށް ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ކޮމެންޓުކޮށް މައުޟޫތައް ހުށަހަޅައިފައެވެ. ފަހަކަށް އައިސް ހުތުބާތަކުގެ މައުޟޫތައް ގިނައިން ހުންނަނީ ޒަމާނީ މައްސަލަތަކަށް އަލިއަޅުވައިލައިފައެވެ.

