ޚަބަރު

ސްކޫލު މާޙައުލުގައި ދަރިވަރުން ޒިންމާދާރު ކުރުވުމުގެ އުސޫލެއް މިހާރަކު ނެތް: ރާޝިދާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ ސްކޫލު މާޙައުލުގައި ދަރިވަރުން ޒިންމާދާރު ކުރުވުމުގެ އުސޫލެއް މިހާރަކު ނެތްކަމަށް ދިވެހި ދައުލަތުގެ ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލްކަމާއި ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ވަޒީރުކަން ކުރިން ކޮށްފައިވާ ރާޝިދާ، ސަންގު ޓީވީގެ ސިޔާސަތު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރީގެ ސްކޫލުތަކުގައި ބެލެނިވެރިޔާއަށް މެސެޖުތައް ފޯރުކޮށްދެނީ ދަރިވަރުން މެދުވެރިކޮށް ކަމަށާއި އޭރުގައި ބެލެނިވެރިޔާއަށް މެސެޖު ފޮނުވުމަށް މުދައްރިސުން މެސެޖު ލިޔާނެ ފޮތެއް އޮންނާނެ ކަމަށެވެ.

އެއާ ޚިލާފަށް މިހާރު ގްރޭޑު ނުވައެއް ދިހައެއްގައި ކިޔަވާ ދަރިވަރުން ވެސް ރީތިކޮށް ތިއްބާ ބެލެނިވެރިޔާއާ ހަމައަށް މެސެޖު ލިބޭނެ ކަމަށާއި މިފަދަ މެސެޖުތައް މިހާރު ފޯރުކޮށްދެނީ، ވައިބަރ ނުވަތަ ކޮންމެ ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ރާޝިދާ ވިދާޅުވިއެވެ. އަދި މިފަދަ ކުދިކުދި ކަންކަމަކީ ދަރިވަރުން ޒިންމާދާރު ކުރުވުމަށް ކުރެވޭނެ ކަންތައްތައް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ސްކޫލެއްގެ ކިޔަވައިދިނުމުގެ ޕްރޮސެސްގެ ތެރެއިން ކުދިން ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް މިހާރު ދަހެއް ނުވޭ. އޮޓަމެޓިކަށް ޖައްސާފައި ބެލެނިވެރިންނާ ހަމައަށް ފޮނުވާލީމައި ބެލެނިވެރިން ތެޅިފޮޅިގަންނާނެ. ކުއްޖާއަކަށް ނުޖެހޭ އެކަންކަމަކާ ވިސްނާފިކުރު ކުރާކަށް." ރާޝިދާ ޔޫސުފް ވިދާޅުވިއެވެ.

ހަމައެހެންމެ ސްކޫލަށް ދަރިވަރުން ފޮނުވަނީ ހަމައެކަނި ކިޔަވަން ނޫންކަމަށާއި ވަރަށް ގިނަ ތަފާތު އެކި ހުނަރުތައް ސްކޫލު މާޙައުލުން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސްކޫލުގެ އިސްވެރިންނާއި މުދައްރިސުން ވަރަށް ބުރަކޮށް މަސައްކަތް ކުރާކަން ފާހަގަ ކުރައްވައި، ރާޝިދާ ވިދާޅުވީ މިހާރުގެ ތަޢުލީމީ އޮނިގަނޑުގައި ބަދަލު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެއީ ކުރިއަށް އަންނަ ޖީލުތައް ހަލާކުވެގެންދާނެ، ކަންބޮޑުވާ މައްސަލަތަކެއް ކަމަށެވެ.