އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭނެ
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން ބުނެފިއެވެ.
ހިލޭ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ސަރުކާރުން އައިނު ފިހާރަހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ. ފިހާރަ ހުޅުވިފަހުން ގިނަ ބަޔަކު ދަނީ ޚިދުމަތް ހޯދަމުންނެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ސަރުކާރުން މިހާރު ވަނީ އައިނު ފިހާރައެއް ގާއިމްކޮށްފައެވެ.
އެންސްޕާއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމް "އާސަންދަ ސްކީމް"ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުން ހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ބުންޏެވެ.
އެންސްޕާއިން ބުނީ އެކަން ތަންފީޒުކުރުމަށް ޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވައިލާ އާންމުކޮށް މިމަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ފެށޭނެ ކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެން ނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

