ޚަބަރު

ރާއްޖޭގައި 10،000އެއްހައި މީހުން މަސްތުވާތަކެތި ބޭނުންކުރޭ: އެންޑީއޭގެ ޗެއާމަން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއާމަން އަހުމަދު ސިއްދީގު--

 

Ads by STELCO

ރާއްޖޭގައި 10،000އެއްހާ މީހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއާމަން އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީ ބޭނުންކުރާ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އެގޮތުން ތަފާސްހިސާބުތަކަށް އަލި އަޅުވާލައްވައި ސިއްދީގު ވިދާޅުވީ ރާއްޖޭގައި 10،000އެއްހާ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށާއި މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ފަރުވާދީ އެ މީހުން އަލުން އަނބުރާ މުޖުތަމައުއެއް ނެރެދިނުމުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ ކުރިއަށް އޮތްތަނުގައި  ހިދުމަތް ފޯރުކޮށްދެވިގެންދާނީ ވަށާޖެހޭ ގޮތަށް ކަމަށެވެ. އަދި މި މަސައްކަތުގެ މަލަމަތި ފެންނަ ކަމަށާއި އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިއްދީގު ވިދާޅުވީ މިއަހަރަކީ ކަންތައްތައް ތަންފީޒުކޮށް ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ އަހަރެއް ކަމަށެވެ.

"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި އުންމީދުކުރަނީ އެންޑީއޭގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް. އަދި އިތުރު ފެސިލިޓީސްތަކެއް ހެދި ހަރުދަނާ ނިޒާމެއް ގާއިމްވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

ސިއްދީގު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން ރަނގަޅުކޮށް އެ މީހުން އަނބުރާ މުޖުތަމައުއަށް ނެރެވެނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށާއި އެ މަސައްކަތުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި މުޖުތަމަޢުން އެފަދަ މީހުން ބަލައިގެންނަން ޖެހޭނެކަން ފާހަގަކުރައްވާ ސިއްދީގު ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެގެން ނުކުންނަ މީހުން ބާކީ ނުކުރުމަށް އިލްމާސްކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!