ޚަބަރު

ކަނޑުއޮތްގިރިން ބޮޑު ކަންނެލި މަސް ގަންނަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަނީ--

ކަނޑުއޮތްގިރިން ބޮޑު ކަންނެލި މަސް ގަންނަން ފަށައިފިއެވެ.

Ads by STELCO

ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފެށުމާއި ގުޅިގެން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި އެއަށް ފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިން  ބޮޑު ކަންނެލި ގަންނަން ފެށީ އިއްޔެ ކަމަށާއި އެއީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑު ކަންނެލި މަސް ކަނޑުއޮތްގިރިން ގަންނަން ފެށީ ކިލޯއަކަށް 25 ރުފިޔާގެ މަގުން ކަމަށެވެ. އެއީ 15 ކިލޯއިން މަތީގެ ކަންނެެއްޔަށެވެ.

ބޮޑު ކަންނެލީގެ އިތުރުން މަސް ވެސް ކަނޑުއޮތްގިރިން ގަންނަން ވަނީ ނިންމައިފައެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ކަނޑުއޮތްގިރިން ބޮޑު ކަންނެލިމަސް ގަންނަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ހަގީގަތަކަށް ވާތަން މިހާރު ފެންނަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއް ފަށާއިރު ވެސް ފަށަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރަން ކަމަށާއި ނަމަވެސް ނިމިގެން ދިޔަ ސަރުކާރުގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މިފްކޯއިން މަހަށް ފައިސާ ދައްކަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!