ގަލޮޅު ޕާކު މާދަމާ ހުޅުވާލަނީ
ގަލޮޅު ޕާކު ،މާދަމާ ހުޅުވާލަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް "ދެން"އަށް ވިދާޅުވީ އެ ޕާކު އާންމުންނަށް މާދަމާ ހުޅުވާލާނެ ކަމަށާއި އަދި އެ ޕާކު ހެނދުނު ހަޔަކުން ރޭގަނޑު 10އަކަށް ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ އެ ޕާކު އެންމެ ތުއްތު ކުދިން ފެށިގެން ދުވަސްވީ މީހުންނަށް ވެސް ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން ތުއްތުކުދިން ކުޅެން ވަކި ކޯނަރަކާއި ޒުވާން ފުރައިގެ މީހުންނަށް ބާސްކެޓާއި އަދި ބެޑްމިންޓަން ވެސް ކުޅެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"ދެން ދުވަސްވީ މީހުން ހިނގާލަން ޓްރެކެއްވެސް އިންނާނެ. އަދި ކަސްރަތުކޮށްލަން އައުޓްޑޯ ޖިމްއެއް ވެސް ހުންނާނެ" މޭޔަރު ވިދާޅުވިއެވެ.
ބީލަމަށް ލައިގެން ގަލޮޅު ޕާކު ތަރައްގީކުރުމުގެ މަޝްރޫއު މާލޭ ސިޓީ ކައުންސިލްއިން ނިންމާލީ އަށް މަހެއްހާ ދުވަހުންނެވެ. މޭޔަރު ވިދާޅުވީ އޭނާ މޭޔަރުކަމަށް ކެމްޕޭން ކުރިއިރު ވެސް ގަލޮޅުގައި ޕާކެއް ތަރައްގީކުރުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށެވެ.

