ޒަކާތު ކައުންސިލްގެ މަސައްކަތްތައް ފަށައިފި
މި އަހަރުން ފެށިގެން އަމަލުކުރަން ފެށި ޒަކާތުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ޒަކާތު ކައުންސިލްގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަފު ޝަހީމް އަލީ ސައީދުއެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް"ގެ މަސައްކަތްތައް ހަރުދަނާކަމާ އެކު އަމަލީގޮތުން ފެށުމާ ގުޅޭގޮތުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ގާނޫނުގައި ކަނޑައަޅައިފައިވާ ޝަރުއީ އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެ ބައްދަލުވުމުގައި އަލިއަޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުން ހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
އެ ކައުންސިލްގައި އިސްލާމިކް މިނިސްޓަރު، އެމްއެމްއޭއިން ކަނޑައަޅާ އެއް މެމްބަރަކާއި، މީރާއިން ކަނޑައަޅާ މެމްބަރަކާއި ފިނޭންސް މިނިސްޓްރީން މެމްބަރަކާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކާއި އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މެމްބަރަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެމްބަރުން ތަމްސީލުކުރައްވާނެއެވެ.
އެ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިދާރީގޮތުން ހިންގުމާއި ބެލެހެއްޓުމުގައި "މޯލްޑިވްސް ޒަކާތު ހައުސް"އަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.

