ކެންސަރުގެ ޓެސްޓުތައް ހަދަން ހާއްސަ ސެންޓަރެއް މި އަހަރު ގާއިމުކުރަނީ
ކެންސަރުގެ ބަލިތައް ހުރިތޯ ޓެސްޓުތައް ހަދަން ހާއްސަ ސެންޓަރެއް މި އަހަރު ގާއިމުކުރަން ނިންމައިފިއެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި އަހަރު، މާލެ ސަރަހައްދުގައި ސިއްހީ ދާއިރާއިން ފަށާނެ ބޮޑެތި މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެ މަނިކުފާނު ވިދާޅުވީ ކެންސަރުބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ގާއިމުކުރުން ހިމެނޭހެން ކެންސަރުބަލީގެ ހިދުމަތްތަކަށް ހާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު މެދު ތެރޭގައި ފައްޓަވާނެ ކަމަށެވެ.
ކެންސަރުބަލީގެ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރަން ނިންމި އިރު ކެންސަރު ހޮސްޕިޓަލެއް ވެސް ގާއިމުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ކުރިީ ސަރުކާރުން ލ. ގަމުގައި އެ ހޮސްޕިޓަލު އަޅަން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލު ގްރޭޓާ މާލޭގައި އަޅަން ނިންމައިފައެވެ.
ކެންސަރުބަލި ޖެހޭ މީހުން ފަހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް 100އަށް ވުރެ ގިނަ ދިވެހީންނަށް ކެންސަރު ޖެހުނެވެ.

