ޚަބަރު

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94,000 ރުފިޔާ ހޯދައި, ވެރިފަރާތާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ފައިސާގެ ވެރިފަރާތް ނޫން ފަރާތަކާ، އޮޅިގެން ހަވާލުކުރެވުނު 94,000 ރުފިޔާ ހޯދައި، އެ ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، މި ފެބުރުވަރީ މަހުގެ 10ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ލޯންޗެއްގެ ކެޕްޓަނާ ހަވާލުކުރި 94,000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލައެއް މި ފެބުރުވަރީ 12ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބަލާފައިވެއެވެ. ނަމަވެސް ފުޓޭޖުން ލޯންޗު ދެނެގަނެވިފައި ނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މަޢުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައި ވެއެވެ. އަދި ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އެ ފައިސާތައް ފެބުރުވަރީ 23ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްޤީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަޙުގީގަށް އެނގިފައިވާ ކަމަށާއި ރިސޯޓަށް ފޮނުވުމަށް ޓަކައި ފައިސާ ހަވާލުކުރެވިފައި ވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަގުދު ފައިސާ ގެންގުޅުމުގައްޔާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަޤީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މަޢުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމަށާއި މިގޮތަށް ޢަމަލުކޮށް، އެފަދަ މަޢުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ޙާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.