މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓައިފި
މާފުށީ ޖަލަށް ވަންނަ މީހުން ސްކޭންކުރުމަށް ފުރަތަމަ ފަހަރަށް ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓައި, އެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އެ ޚިދުމަތް އިފްތިތާޙުކޮށް ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، މި މެޝިނަކީ ޖަލުގެ ޤައިދީންނާއި، މުވައްޒަފުންގެ އިތުރުން އެކި ބޭނުންތަކުގައި ޖަލަށް ވަންނަ އެންމެހާ ފަރާތްތައް ސްކޭން ކުރުމަށް ބޭނުން ކުރެވޭނެ މެޝިނެއް ކަމަށާއި މިއީ ޖަލު ތެރެއިން ހިންގާ ސްކޭމް ކޯލްތަކާއި އެހެނިހެން ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ ސަރުކާރުން ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި، ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެކެވެ. "ސޮޓަރ އާރް.އެސް ބޮޑީ ސްކޭނަރ" މެޝިންއަކީ އިންސާނުގެ ހަށިގަނޑުގައި ތެރޭގައި ރައްކާކޮށްފައި ހުންނަ އެއްޗެހި ދެނެގަނެވޭނެ މެޝިނެކެވެ. އެހެންކަމުން ޖަލު ތެރެއަށް މަސްތުވާތަކެއްޗާއި އެކިކަހަލަ އާލާތްތައް އަދި ފޯނު ފަދަ ތަކެތި ވެސް، މި ސްކޭން މެޝިނުން ދެނެގަނެވޭނެ ކަމަށް ކަރެެކްޝަނުން މަޢުލޫމާތުދެއެވެ.