މިއީ ފުރުސަތެއް، މަސައްކަތް ކުރަނީ މެދުއިރުމަތީގެ ބަރޯސާ ކުޑަކުރަން
މި ހަނގުރާމައާ އެކު މެދުއިރުމައްޗަށް އޮތް ޓޫރިޒަމްގެ ބަރޯސާ ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނެފިއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ފައުންޑަރު މުހައްމަދު ޝާޒު ވަލީދު ވިދާޅުވީ މި ވަގުތަކީ ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި މިއީ ޓޫރިޒަމްގައި މެެދުއިރުމައްޗަށް އޮތް ބަރޯސާ ކުޑަކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތެވެ.
"އަޅުގަނޑުމެން އެބައޮތް މިކަމުން އަރައިގަނެވޭނެކަން. މިއީ އަބަދުވެސް ވިސްނަންވީ ރަނގަޅު މަގެއް ކަމަށް މިއީ. އިންޑަސްޓްރީގެ ވާހަކަ މިހާރު ނުދައްކާ ގައުމުގެ ކުރިމަގު ބައްޓަން ކުރަން،" ވަލީދު ވިދާޅުވިއެވެ.
ވަލީދު ވިދާޅުވީ މިހާލަތުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއީ ޓެކްސްތަކާއި ފީތައް ވެސް ކުޑަކޮށްގެން ޓޫރިސްޓުން ގެންނަން ބާރު އަޅަން ޖެހޭ ކަމަށެވެ. އަދި މިވަގުތު އެއާޕޯޓް ޑިއުޓީ ފްރީފަދަ ވަސީލަތްތަކުން ނަގާ ފީވެސް ކުޑަކޮށްގެން ޓޫރިސްޓުން ގެންނަން ހިތްވަރު ދޭން ޖެހޭކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި މަޓާޓޯގެ ސީއީއޯ ބައްސާމް އާދަމް ވިދާޅުވީ މި ވަގުތު ވިސްނަން ޖެހެނީ ރާއްޖޭގެ ބްރޭންޑް ހުރިގޮތަށް ބަލައިގެން ކުރިއަށް ދާން ކަމަށެވެ.
ބައްސާމް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރިމަތިވާ ދަތިތަކުގައި ދިވެހިން ހިންގާ ރިސޯޓްތަކުން އެއްބާރުލުންދޭ ނަމަވެސް ބޭރުގެ އޯނަރުން ހިންގާ ބައެއް ރިސޯޓްތަކުން އެއްބާރުލުން ނުލިބޭކަމަށެވެ.