ރޭގެ އަލިފާނުގެ ސަބަބުން 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
މާފަންނު ތައިބާ މިސްކިތް ކައިރީ ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި 10ގެއެއްގެ 77މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ރޯވެ އަނދާ އަޅިއަށްވެފައި ވަނީ އެކިކަހަލަ ކެމިކަލާއި ގަސް ކާނާ އެތެރެކުރާ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން ބުނީ ރޭގެ 2:30އާ ހަމައަށް ޖުމްލަ 15ގެއަކުން 454މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ 69އަންހެނުނާއި 385ފިރިހެނުންނެވެ. އޭގެ ތެރޭގައި 302ބިދޭސީން ހިމެނެއެވެ. އަދި ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10ގެއެއްގެ 77މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، 280ބިދޭސީއަކު އެމީހުންގެ ވެރިފަރާތާ ހަވާލުކޮށްފައި ވެއެވެ. އަދި 20ބިދޭސީއަކު ދިވެހި ރެޑް ކްރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ބައެއް އާއިލާތަކުން ވަނީ އާއިލީ އެހެން ގޭގެއަށް ވެސް ބަދަލުވެފައެވެ.
"މި 15ގެވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން. މި ހާދިސާގެ އަސަރުކޮށްގެން 7ފަރާތަކަށް ހޮސްޕިޓަލުން ފަރުވާ ދެވުނު. މިހުރިހާ ފަރާތެއްގެ ވެސް ހާލު ސްޓޭބަލް." އެންޑީއެމްއޭއިން ބުންޏެވެ.
މި އަލިފާނުގެ ހާދިސާގައި ގުދަނުގައި ހުރި ސާމާނާ އެކު ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.