ތިނަދޫ ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން ވަނީ އެމްއާރުއައިގެ ހިދުމަތަށް ބޭނުންވާ ސިވިލް މަސައްކަތްތަކާއި، ހައިޕަބެރިކް އޮކްސިޖަން ޗެމްބަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް ރަސްމީކޮށް ފަށާފައެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ ދެ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިނަދޫ ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީީއާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުއެވެ. އެ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ 102އެނދަށް އިތުރުކުރާނެއެވެ.
ސަރުކާރުން ދަނީ އިތުރު ހޮސްޕިޓަލުތައް ވެސް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރަން މަސައްކަތް ކުރަމުންނެވެ.