ޚަބަރު

ނަޝީދަށް ޕޯޑިއަމް ނުދިން މައްސަލަ ހޫނުވެ، އެމްޑީޕީން އިބްރާއާ މެދު ކަންކުރި ގޮތުގެ މާޒީ އާކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވުނު ޖަލްސާގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އަށް މާޒީގައި އެމްޑީޕީން ދީފައިވާ އަނިޔާތަކުގެ ހަނދާންތައް އޭނާ އާކުރައްވައިފިއެވެ.

Ads by Allied

ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދެއްކެވުމަށް އިބްރާގެ ކޮއްކޮ ފައްޔާޒަށް ފުރަތަމަ ފުރުސަތު ދިނުމަށް ނިންމި ނަމަވެސް، ފަހުވަގުތު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ހަމައެހެންމެ، ރައީސް ނަޝީދަށް ވެސް ޕޯޑިއަމް ނުދިނުމަށް ނިންމުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޖަލްސާގެ ތެރޭގައި އަޑުގަދަކޮށް އިހުތިޖާޖުކޮށްފައެވެ. މީގެ ސަބަބުން ޖަލްސާގެ ހަރަކާތްތައް ކުރިއަށް ނުގެންދެވި، ވަގުތުގެ ކުރިން ނިންމާލަން މަޖުބޫރުވިއެވެ.

މިކަމާ ގުޅުވައިގެން އިބްރާ ވިދާޅުވީ، ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް ވާހަކަދެއްކުމުގެ ހައްގު ނުދީ ހިފެހެއްޓުމަކީ އާ ކަމެއް ނޫން ކަމަށެވެ. މާޒީގައި އޭނާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާތައް ހިއްސާކުރައްވަމުން އިބްރާ ފާހަގަކުރެއްވި ގޮތުގައި، އޭނާ ޕޯޑިއަމްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ގާއުކުމާއި މައިކްރޯފޯނު ކަނޑާލުން ފަދަ އަމަލުތައް ޕާޓީގެ ފަރާތުން ހިންގާފައިވެއެވެ.

"ބާރަ އަހަރު ވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުން އަޅުގަނޑު ޕާޓީން ވަކިވީ. އެއީ މާ ބޮޑު ކަމެއް ނޫން. އެކިއިރު ކަންކަން ހިނގާނީ އެކި ގޮތަށް،" އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީގެ އެތެރޭގެ މިފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އާންމު މެންބަރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance