ތެލުގެ ހަރަދު ކުޑަކުރަން ރިސޯޓްތަކުން ފިޔަވަޅުތަކެއް
ރިސޯޓްތަކުން ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ތެލުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ ރިސޯޓްތަކުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާ އެގޮތުން ޑީސަލާއި ޕެޓްރޯލަށް ކުރާ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.
"ވަރަށް ގިނަ ރިސޯޓްތަކުގައި ޕީކް ގަޑީގައި ނޮން އެސެންޝަލް ޕަވާ އޮފް ކޮށްގެން މަަސައްކަތް ކުރަނީ. މިއީ ވަރަށް ރަނގަޅު ކަމެއް. ބައެއް ރިސޯޓްތަކުން ރިސޯޓްތަކާއި ސްޓާފުން އުފުލާ ލޯންޗުތައް ވަކި ގަޑިތަކެއްގައި އެއްކޮށްލައިގެން ގެންދަން ދަނީ ފިޔަވަޅު އަޅަމުން. ހަރަދު ކުޑަކުރަން އަޅާ މި ފިޔަވަޅުތަކަށް އަޅުގަނޑުމެން ވަރަށް އެންކަރޭޖް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިއާ އެކު ޓޫރިޒަމް މިނިސްޓަރު ވަނީ ރިސޯޓްތަކަށް ހުއްޓުމެއް ނެތި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
"ކޮންފޯޓެއް ދޭން ބޭނުންވޭ. ތެލުގެ އެއްވެސް ދަތިކަމެއް ނޯންނާނެ ރިސޯޓްތައް އޮޕަރޭޓް ކުރަން ބޭނުންވާ،" މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އިމްޕޯޓް ކުރަން ގިނަ މަަސައްކަތްތަކެއް ކުރަނުންނެވެ.
ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ތެލާއި ގޭސް ރާއްޖެއަށް ގެންނަން މުހިއްމު އިސްކަމެއްދީގެން ކުރިން ގެންނަ ޝެޑިއުލްގެ ބޭރުން އިތުރަށް ވެސް ތެޔޮ ގެންނަ އަންނަ ކަމަށެވެ.
ސަރުކާރުން ދަނީ އޮމާންގެ ބަނދަރުގެ އިތުރުން ސިންގަޕޫރުން ވެސް ތެޔޮ އިމްޕޯޓް ކުރުމުގެ މަސަައްކަތް މިހާރު ފަށާފައެވެ. މިއާ އެކު އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ތެޔޮ ގެންނަން ފަށާފައެވެ.