ޑެންގީ ފެތުރޭތީ މުޅި އައްޑޫ ސިޓީ ސާފުކުރުމުގެ ހަރަކާތެއް ފަށަނީ
އައްޑޫ ސިޓީގައި ޑެންގީ ފެތުރޭތީ މުޅި އައްޑޫ ސާފުކުރުމުގެ ހަރަކާތެއް ފަށަން ނިންމައިފި އެވެ.
އައްޑޫ ސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހު މުޅި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.
އަދި އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކާއި، އެފަދަ ގޯތިތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން، މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ ތަންތަނުގައި ހުރި ކުނިބުނިތަކާއި، ފެން ހަރުލާ ފަދަ ތަކެތި ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް ވެސް އައްޑޫ ސިޓީން އިލްތިމާސްކުރި އެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ބައްޔަކީ ބައެއް ފަހަރު ފުރާނައެއް ވެސް ނުރައްކާވާ ވަރުގެ ބައްޔެކެވެ.
ޑެންގީ ޖެހުނު ދިވެއްސަކު އިއްޔެ ވަނީ ނިޔާވެސް ވެފަ އެވެ.