ޚަބަރު

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދާލެއް ލަސް: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ވަނީ ނިމިފައި/ ފޮޓޯ: މިނިސްޓްރީ

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވުމަށް މިހާރު އަޅަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދާލެއް ލަސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Allied

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ތިލާމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން ގެންދަވާ ކަމަށެވެ.

އަދި ބުރިޖުގެ މަސައްކަތް ނިންމަން މުއްދަތު އިތުރުކޮށްދޭން އެދުމުން ވަރަށް ބޮޑަށް ބެލުމަށް ފަހު މުއްދަތު އިތުރުކޮށްދިންކަން ވެސް ރައީސް ފާހަގަކުރިއެވެ.

ނަމަވެސް ބުރިޖުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމަށް ރައީސްވެސް އެއްބަސްވެލެއްވިއެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ދާ ސްޕީޑާ މެދުއެއް. އަޅުގަނޑު ހިތެއް ނުބުނޭ އެ ޕްރޮޖެކްޓް ދާ ސްޕީޑާމެދު ކަމުދާ ރައްޔިތަކު ހުންނާނެހެނެއް."ރައީސް ވިދާޅުވިއެވެ.

ކުރިން ބުރިޖުގެ މަސައްކަތް ނިންމަން އޮތީ މި އަހަރަށެވެ. ނަމަވެސް އިތުރުކޮށްދިން މުއްދަތާއެކު ބުރިޖު ނިމޭނީ 2027 ގައި ކަމަށް ބުރިޖުގެ މަސައްކަތް ކުރާ ކުންފުނިން ދަނީ ބުނަމުންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އިފްކޮންސް ކުންފުނިންނެވެ. އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު ހަރަދުވާ އިރު 100 މިލިއަން ޑޮލަރަކީ އިންޑިއާގެ ހިލޭ އެހީއެވެ. އަދި ބާކީ 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިން ފައިސާއެވެ.

Ads by Allied Insurance