ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހިމް ޢަލީ މަގާމުން ވަކިކުރަނީ
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޢަލީ އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހީމް ޢަލީގެ މައްޗަށް އެ ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައަކާ ގުޅިގެން ޤާޒީ އިބްރާހީމް ޢަލީގެ މައްޗަށް ސާބިތުވި ކަންތައް ތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.5 އާއި، 3.1 އާއި، 3.2 އާއި، 6.1 އާއި، 6.2 އާއި، 6.4 އަދި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް އޭނާ ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީއާއި، ޤާޒީ އިބްރާހީމް ޢަލީގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޒީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގާޒީ އިބްރާހިމް ޢަލީ ގެ މައްޗަށް އެކޮމިޝަނުން ތުހުމަތު ކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފް ކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޒީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައަކާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމުގެ މައްސަތަކެކެވެ.