އާދިއްތަ ދުވަހުން ފެށިގެން "ޓްރޭޑިއަން" މެދުވެރިކޮށް ވެސެލް ޑިކްލެރޭޝަންއަށް އެދި ހުށަހެޅޭނެ
ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" މެދުވެރިކޮށް ވެސެލް ޑިކްލަރޭޝަނާއި، ފަޔާވޯކްސް އިމްޕޯޓް ޕާމިޓް އަދި ފްލެއާ އިމްޕޯޓް ޕަރމިޓަށް އެދުމުގެ ހިދުމަތް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި އަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެ ނިޒާމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި އުޅަނދުފަހަރުގެ ކްލިއަރެންސް މަސައްކަތްތަކުގައި ބައިވެރިވާ އެކި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި، އެ މަސައްކަތްތައް ލުއިފަސޭހަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އަވަސްކުރުމެވެ.
އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން" މެދުވެރިކޮށް ވެސެލް ޑިކްލަރޭޝަނާއި، ފަޔާވޯކްސް އިމްޕޯޓް ޕާމިޓް އަދި ފްލެއާ އިމްޕޯޓް ޕަރމިޓަށް އެދުމުގެ ހިދުމަތް ލިބޭނެ ކަމަށާއި ނަމަވެސް އެ ބަދަލަށް ކަސްޓަމަރުންނާއި ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އަންނަ ޖޫން މަހުގެ 10ވަނަ ދުވަހާ ހަމައަށް ޓްރޭޑިއަންގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ވަސީލަތްތައް މެދުވެރިކޮށް ވެސް ހިދުމަތަށް އެދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް 11 ޖޫން 2026 އިން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދޭ ހުރިހާ އެޕްލިކޭޝަނެއް ބަލައިގަންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ބުންޏެވެ.