ދުނިޔެ

ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމާ ގުޅިގެން ކުއްލި ހާލަތުގައި އިންޑިއާއިން ގަސްކާނާ ހޯދުމަށް ނޭޕާލުން ނިންމައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، ގަސްކާނާ ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 80،000 ޓަނުގެ ކެމިކަލް ގަސްކާނާ ގަތުމުގެ ހުއްދަ ނޭޕާލް ސަރުކާރުން އެގްރިކަލްޗަރ އިންޕުޓްސް ކޮމްޕެނީއަށް ދީފިއެވެ.

Ads by Allied

ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި (ޖީ.ޓީ.ޖީ) 2022 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި މުއާމަލާތުގައި ހިމެނެނީ 60،000 ޓަނުގެ ޔޫރިއާ އާއި 20،000 ޓަނުގެ ޑީ.އޭ.ޕީ (DAP) އެވެ. ނޭޕާލުން އެންމެ ފުރަތަމަ އެދުނީ 150،000 ޓަނުގެ ގަސްކާނާ ހޯދުމަށެވެ.

ނޭޕާލްގެ އެގްރިކަލްޗަރ އެންޑް ލައިވްސްޓޮކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ރާމް ކްރިޝްނާ ޝްރެސްތާ ވިދާޅުވީ، ކެބިނެޓުގެ ނިންމުން ރަސްމީކޮށް ލިބުމާއެކު ގަސްކާނާ އެތެރެކުރުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ރާޝްތުރިޔާ ކެމިކަލްސް އެންޑް ފާޓިލައިޒާސް ލިމިޓެޑުން މިކަމަށް ފެހި ސިގްނަލް ވަނީ ދީފައެވެ. އަދި އޮގަސްޓް މަހުގެ މެދުތެރޭގައި މި ތަކެތި ނޭޕާލަށް ލިބޭނެ ކަމަށް ބެލެވެއެވެ. މިއީ އެ ގައުމުގައި ހަނޑޫ އިންދުމުގެ މޫސުމުގައި ގަސްކާނާ ބޭނުންވާ އެންމެ މުހިންމު ވަގުތެވެ.

މި ހިނގާ މާލީ އަހަރު ގަސްކާނާގެ ސަބްސިޑީއަށް ނޭޕާލް ސަރުކާރުން 28.82 ބިލިއަން ރުޕީސް ކަނޑައަޅާފައިވެއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުގެ ސަބަބުން، ކުރިން 550،000 ޓަނު ގަތުމަށް އަމާޒު ހިފި ނަމަވެސް، މިހާރު ގަނެވޭނީ ގާތްގަނޑަކަށް 440،000 ޓަނު ކަމަށް ބެލެވެއެވެ.

ނޭޕާލަށް އާންމުކޮށް ގަސްކާނާ އެތެރެކުރަނީ ގަލްފުގެ ގައުމުތަކުންނާއި ރަޝިއާއިންނެވެ. ނަމަވެސް ރަޝިއާގެ ސަޕްލަޔަރުންނާއެކު މުއާމަލާތް ކުރުމުގައި ބޭންކުތަކުން 'ލެޓަރ އޮފް ކްރެޑިޓް' (LC) ހުޅުވުމަށް އުޒުރުވެރިވާތީ، މުދާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ހަނޑުލަކީ ނޭޕާލްގެ މައިގަނޑު ކާނާއެވެ. އެ ގައުމުގެ ކާނާގެ ރައްކާތެރިކަން ބިނާވެފައިވަނީ ހަނޑުލުގެ އުފެއްދުންތެރިކަމުގެ މައްޗަށެވެ. ގަސްކާނާ މަދުވުމަކީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށަށްގޮސް، ތަކެތީގެ އަގު އުފުލި، ދަނޑުވެރިންގެ އާމްދަނީއަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

މިހާރު ނޭޕާލް ސަރުކާރުން ސަބްސިޑީ ދީގެން ޔޫރިއާ ކިލޯއެއް 18 ރުޕީސް އަށް ވިއްކާއިރު، ބާޒާރުގައި އޭގެ އަސްލު އަގު އުޅެނީ 160 ރުޕީސްގައެވެ. މިއީ ގާތްގަނޑަކަށް 92 އިންސައްތައިގެ ސަބްސިޑީއެކެވެ. ޝްރެސްތާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގެ މިހާރުގެ އަގުތަކަށް ބަލާއިރު، މުޅި ގައުމަށް ބޭނުންވާ ގަސްކާނާއަށް ސަބްސިޑީ ދިނުމަކީ ދައުލަތުގެ ބަޖެޓަށް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭ ވެހޭ މިންވަރު މަދުވުމަކީވެސް ނޭޕާލްގެ ދަނޑުވެރިކަމަށް އޮތް ބިރެކެވެ. ދުނިޔޭގެ ބޭންކުންވެސް ވަނީ ގަސްކާނާގެ އަގުބޮޑުވުމުގެ ސަބަބުން ދަނޑުވެރިންގެ ބާރުވެރިކަން ކުޑަވެ، ކުރިއަށް އޮތް އުފެއްދުންތެރިކަމަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!