ޚަބަރު

ކޯޓުގެ އަމުރަކާ ޚިލާފަށް ސުވާލުކުރުމުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުން ބޭރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ކަނޑައެޅިގެން ޚިލާފުވާ ގޮތަށް ސުވާލުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް "އަދަދު" ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން އެ އޮފީހުން މިއަދު ބޭރުކޮށްފިއެވެ.

Ads by Allied

މި ފިޔަވަޅު އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ނޫހުން ދާދި ފަހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅޭގޮތުން ޝަހްޒާން ކުރި ސުވާލަކާ ގުޅިގެންނެވެ. އެ ސުވާލަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، ރައީސް އޮފީހަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓޭނެ ތަނެއް ކަމަށާއި، އެމަނިކުފާނަށް އަމާޒުކޮށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ޝަހްޒާންގެ ސުވާލު އަމާޒުވި ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޚާއްޞަ ގޭގް އޯޑަރެއް ނެރެފައެވެ. އެ އަމުރުގައި އަންގާފައި ވަނީ، އެ ވީޑިއޯ ރިޕޯޓުގައި ހިމެނޭ އެއްވެސް މަޢުލޫމާތެއް މުޖުތަމަޢުގެ ތެރޭގައި ނުފެތުރުމަށާއި، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އެއާ ގުޅޭ ވާހަކަތައް ނުދެއްކުމަށެވެ.

ކޯޓުގެ އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށްގެންދަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އާންމު އަޚްލާޤީ މިންގަނޑުތައް ހިމާޔަތްކުރުމަށްޓަކައި ސިއްރުކޮށްގެންނެވެ. އެހެންކަމުން، މައްސަލައާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުވަތަ މަޢުލޫމާތެއް ހާމަކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.

Ads by Allied Insurance