ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ މައްސަލައެއް: ހީނާ
މިއަދުގެ ކުޑަކުދިންނަށް ދިވެހިބަހުން މުޢާމަލާތުކުރަން ނޭނގުމަކީ ނުހަނު ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި މަސައްކަތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ވާންޖެހޭ ކަމަށެވެ. އަދި ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ބަހާއި ސަގާފަތަށް ލޯބިޖެއްސޭނީ މިއަދު މައިންބަފައިން ކުރާ މަސައްކަތުން ކަން ހީނާ ފާހަގަކުރެއްވިއެވެ.
އެކަމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަދުގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން "އަޅުގަނޑުމެންގެ ދަރިން ކޮންމެވެސް ބޭރު ނެނީއެއް ކައިރީ ބަހައްޓާފައި، މަސައްކަތް ކުރަން ދާން" ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުދިންނަށް ދިވެހި ބަހުން މުއާމަލާތުކުރުމަށް ލިބޭ ވަގުތު ވަރަށް މަދުވެފައިވާކަން ވެސް ޙީނާ ފާހަގަކުރެއްވިއެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ތިން ގޮތަކަށް އެކުދިންނަށް އަމާޒުކޮށްގެން ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ތަރުބަވީ ގޮތުންނާއި، ތައުލީމީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން އެކުދިންނަށް މިކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
"މިސާލަކަށް ތައުލީމީ ދާއިރާއިން ބަލާއިރު، ކޮބާތޯ އެކުދިން ބަސް ކިޔެވުމަށް ޝައުގުވެރިވާނެ ގޮތަކީ ނުވަތަ އިޖުތިމާއީ ގޮތުން އަޅުގަނޑުމެން އެންމެންނަކީ ސާފު ދިވެހިބަހުން، ގަވައިދުތަކާއި ހަމަތަކާ އެއްގޮތަށް މުއާމަލާތްކުރާ ބަޔަކަށް ވާންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.