ޢީދާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕޯޓުގެ ޚިދުމަތްތައް ދެ ދުވަހަށް މެދުކަނޑާލަން ނިންމައިފި
މި އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަންތައް، މެއި މަހުގެ 26 އަދި 27ވަނަ ދުވަހު މުޅިން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން، ޙައްޖު ދުވަހާއި ޢީދު ދުވަހުގެ ބަންދަށްފަހު، އެ ކުންފުނީގެ ޚިދުމަތްތައް އާންމު އުސޫލުން އަލުން ދޭން ފަށާނީ 2026ވަނަ އަހަރުގެ މެއި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 ގައެވެ. އެހެންކަމުން މުދާ ކްލިއާކުރުމާއި ޕޯޓާ ގުޅުންހުރި އެހެނިހެން މުއާމަލާތްތައް ކުރާ ވިޔަފާރިވެރިންނާއި އާންމުން މި ކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ޕޯޓުގެ މަސައްކަތްތަކަށް ގެނެވުނު މި ބަދަލު އާންމުކުރުމާ އެކު، އެމްޕީއެލްގެ މެނޭޖްމަންޓުން ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށާއި ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކަށް 1447ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.