ދީން

ރަސްކަލަކަށް ނޫނެކޭ ބުނެ ނިކަމެއްޗަކާ ދަރިފުޅު ހަވާލުކުރި ބައްޕަގެ ވާހަކަ

ޢަލީ މާޖިދު ، ދެން އޮންލައިން

ދަނޑުވެރިއެއްގެ ހުރި ހަމަ އެންމެ އަންހެން ދަރިއެކެވެ. އެ ކަމަނާގެ ބުރުސޫރައިގެ ރީތި ކަމާއި މައުސޫމް ކަމާއި ހިތްހެޔޮ އަދި ހިތްތިރި ކަމުން އެ ސަހަރުގެ ހުރިހާ ޒުވާނުން ތިބެނީ އެކަމަނާއަށް ފިދާ ވާންވެސް ތައްޔާރަށެވެ. މި ސަހަރުގެ ރަސްގެފާނަކީ ފޮނިކަމާއި ދެއްކުންތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. މި ސަހަރުގައި ވަރަށް ނިކަމެތި ޒުވާނަކު ވެސް އުޅުނެވެ. 

Ads by STELCO

އެއްދުވަހަކު ރަސްގެފާނު މި ދަނޑުވެރިޔާގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެން ވަރަށް ގިނަ މުދާތަކާއިގެން އައެވެ. އިއްތިފާޤުން އެއްކަލަ ނިކަމެތި ޒުވާނާއަށް ވެސް ދަނޑުވެރިޔާގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެން އާދެވުނީ ހަމަ އެއް ވަގުތެއްގައެވެ. މި ދަނޑުވެރިޔާ އަކީ ވަރަށް ތަޤުވާވެރި ބޭކަލެކެވެ.

ދަނޑުވެރިޔާ އޭނާގެ ދަރިފުޅު ނެރެ ކައިވެންޏަށް އެދިގެން އައި ރަސްގެފާނާއި ޒުވާނާގެ ކުރިމަތީ ބައިންދާފައި ރަސްގެފާނާއި ސުވާލު ކުރިއެވެ.

ދަނޑުވެރިޔާ: މަނިކުފާނު އަޅުގަނޑު ދަރިފުޅުގެ ކައިވެންޏަށް އެދިގެން އައިއިރު އަޅުގަނޑުމެން ދެބަފައިންނަށް ހަދިޔާއަކަށް ގެންނެވީ ކޯއްޗެއް ތޯއެވެ.

ރަސްގެފާނު: މޮޅު ފަށުއި ފޭރާމާއި ގެރި ބަކަރި އެވެ.

ދަނޑުވެރިޔާ ހަމަ މި ސުވާލު ނިކަމެތި ޒުވާނާއާއި ވެސް ކުރިއެވެ.

ޒުވާނާ: އެ ދެބަފައިންނަށް ގޮވާލުމަށްފަހު ހިނިތުންވެލިއެވެ.

ދެން ދަނޑުވެރިޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ދަރިފުޅާ އެވެ. ދަރިފުޅު އިހްތިޔާރު ކުރާނީ ކޯއްޗެއް ހެއްޔެވެ؟

ދަރިފުޅު: ބައްޕައެވެ. ރަސްގެފާނުގެ ފަށުއި ފޭރާން ހަލާކުވެ ވީރާނާ ވެދާނެއެވެ. އަދި ގެރި ބަކަރިތައް މަރުވެ ފަނާވެދާނެއެވެ. އެހެނަސް އެ ޒުވާނާގެ ހިނިތުންވުން އަބަދުމެން އަޅުގަނޑަށް ފެނިދެނިވި ހުންނާނެއެވެ. އޭގެ ސަބަބުން އަޅުގަނޑަށް އަބަދުމެ އުފާވެރިކަން ލިބޭނެއެވެ.

ދަނޑުވެރިޔާ: ރަސްގެފާނަށް ގޮވާލާފައި މަނިކުފާނާ އަޅުގަނޑު ދަރިފުޅާއި ކައިވެނި ކުރެވިއްޖެ ނަމަ އެކަމަނާ ގެންގުޅޭނީ ކޮންތާކު ތޯއެވެ.

ރަސްގެފާނު: އަހަރެންގެ އަގު ބޮޑު ގަނޑުވަރުގައި

ދަނޑުވެރިޔާ ހަމަ އެ ސުވާލު ނިކަމެތި ޒުވާނާއާއި ކުރިއެވެ.

ޒުވާނާ: އަޅުގަނޑު އެކަމަނާ ލިބިއްޖެނަމަ އެ ކަމަނާ ގެންގުޅޭނީ އަޅުގަނޑު ހިތުގައެވެ. 

ދެން ދަނޑުވެރިޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ދަރިފުޅާ އެވެ. ކަމަނާ އިހްތިޔާރު ކުރާނީ ކޮންގޮތެއްހެއްޔެވެ؟

ދަރިފުޅު: ބައްޕައެވެ. ރަސްގެފާނުގެ އަގު ބޮޑު ގަނޑުވަރުން ރަސްގެފާނުގެ ނޯކަރުންނަށް ވެސް ޖާގަ ވޭ ނޫންތޯއެވެ. އެހެނަސް އެ ޒުވާނާގެ ހިތުން ޖާގައެއް އިތުރު މީހަކަށް އޭނާ ނުދޭހާ ހިނދަކު ނުލިބޭނެ ނޫންތޯއެވެ. 

ދެން ދަނޑުވެރިޔާ ރަސްގެފާނަށް ބުންޏެވެ. އަޅުގަނޑުގެ ދަރިފުޅާ ކައިވެނި ކުރެވިއްޖެ ނަމަ އެކަމަނާއާއި މެދު އަމަލު ކުރަންވާނީ ކިހިނެތް ތޯއެވެ.

ރަސްގެފާނު: އޭނާއަށް ހިދުމަތް ކުރަން ނޯކަރުން ތިބޭނެއެވެ. ބަލިވެއްޖެ ނަމަ ހަކީމުން ތިބޭނެއެވެ. އުފަލާއި އަރާމާއެކު ގެންގުޅޭނީ ޝަރަފާއި ޢިއްޒަތުގައެވެ.

ދެން ދަނޑުވެރިޔާ ހަމަ އެ ސުވާލު ނިކަމެތި ޒުވާނާއާއި ކުރިއެވެ.

ޒުވާނާ: އަޅުގަނޑުގެ އަނބިމީހާ އަށް ވެއްޖެނަމަ އެ ކަމަނާއަށް ހިދުމަތް ކުރަން ކީއްކުރާ އިތުރު މީހެއްތޯއެވެ. އެއީ އަޅުގަނޑުގެ ޒިންމާއެއްނޫންތޯއެވެ. ދެން އަޅުގަނޑަކީ ނިކަމެތި ފަޤީރެއް ނަމަވެސް އަޅުގަނޑު އުޅޭ ހާލެއްގައި އިރާދަކުރެއްވިއްޔާ އެކަމަނާ ވެސް އުޅޭނެއެވެ. އަޅުގަނޑު ބޯހިޔާ ކުރާ ފުރާޅަކުން އެކަމަނާއަށް ހިޔާވަހިކަން ދޭނަމެވެ. އަޅުގަނޑު ބަނޑުފުރާނަ މުއްތި ކުރާ ކޮއްތަކުން އެކަމަނާގެ ހައިކަން ފިލުވައިދޭނަމެވެ. އަޅުގަނޑު އުނު އޮރިޔާން ނިވާ ވަންޏާ އެކަމަނާގެ ޢައުރަ ފާޅުވިޔަކަ ނުދޭނަމެވެ. 

ދަނޑުވެރިޔާ: ދަރިފުޅާއެވެ. ދަރިފުޅުގެ ކައިވެންޏަށް އެންމެ އެކަށޭނަ މީހަކީ އެ ނިކަމެތި ޒުވާނާއެވެ. ޢިއްޒަތާއި ޝަރަފަކީ الله ދެއްވާ އެއްޗެކެވެ  ތަނަވަސް ކަމާއި ފަޤީރު ކަމަކީ އެކަލާނގެ ކުރިމަތި ކުރުވާ އިމްތިހާނެކެވެ. ދުނިޔޭގެ ގިނަ ފަޤީރުން ވާހުށީ ޖަންނަތުގައެވެ. ދުނިޔޭގެ ގިނަ މަހުޖަނުން ވާހުށީ ޖަހަންނަމައިގައެވެ. 

ދަނޑުވެރިޔާ ރަސްގެފާނަށް ގޮވާލާފައި ބުންޏެވެ. 

ދަނޑުވެރިޔާ: މަނިކުފާނުގެ ގަނޑުވަރުގައި އަހަރެންގެ ދަރިފުޅު އިނުމަށް ވުރެން ނިކަމެތި ޒުވާނާގެ ޖިފުޓި ގަނޑު އެކަމަނާއަށް މާ ރަނގަޅުވާނެ އެވެ. 

ދެން ދަނޑުވެރިޔާ އެ ނިކަމެތި ޒުވާނާއަށް ގޮވާލާފައި ބުންޏެވެ. އަހަރެންގެ ދަރިފުޅު ކަލެއާއި ހަވާލެވެ.

ރަސްގެފާނު އައި ރުޅީގައި އެތަނުން ނިކުމެގެން ދިޔައެވެ.

ކައިވެންޏަކަށް ހުށަހެޅުމުން އަހަރުމެންނަށް ވަނީ މިހެން ހެއްޔެވެ؟ ފުރަތަމަ ވެސް އަހާނީ މަހު މުސާރައިގެ ވާހަކައެވެ. ދެން ބަލާނީ ބޭންކް އެކައުންޓްގައި ހުރީ ކިހާ ފައިސާއެއްތޯއެވެ.ފަހެ އެންމެ ހެޔޮ ކަމަކީ މުދާ ވެރިކަމާ ތަނަވަސްކަމެއް ނޫނެވެ. އެހެނެއްކަމަކު ހިތުގެ މުއްސަނދި ކަމާއި ތަގުވާވެރިކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!