ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކަކަށް އާސަންދަ ފުޅާކުރަނީ
ޤައުމީ އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައިގެ ޚިދުމަތް ސްރީލަންކާގެ އިތުރު ހަ ހޮސްޕިޓަލަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް އާސަންދަ ކުންފުނިން ފަށައިފިއެވެ.
އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު ވެސް ލަންކާގެ 15 ހޮސްޕިޓަލަކާ އެކު ދަނީ މަޝްވަރާކުރެވެމުންނެވެ. އަދި އޭގެ ތެރެއިން 6 ތަނަކުން ޚިދުމަތް ފެށުމަށް ބޭނުންވާ ލިޔެކިޔުމުގެ މަރުޙަލާތައް ނިމުމާ އެކު، އަވައްޓެރި ޤައުމަށް ބޭސްފަރުވާއަށް ދާ މީހުންނަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއްވައެވެ.
ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށް ގިނަ ޢަދަދެއްގެ ދިވެހިން މިހާރު ވެސް ދަތުރުކުރާ ސްރީލަންކާގެ 7 ހޮސްޕިޓަލަކުން މި ވަގުތު އާސަންދަ ކަވަރުކުރެއެވެ. އެ މަރުކަޒުތަކުގެ ތެރޭގައި ކޮލަމްބޯ އަދި ނިގަމްބޯގައި ހުންނަ ނަވަލޯކާ ހޮސްޕިޓަލާއި، އަސިރީ ގްރޫޕުގެ ތިން ހޮސްޕިޓަލެއްގެ (އަސިރީ ސެންޓްރަލް، އަސިރީ ސަރޖިކަލް އަދި އަސިރީ ހޮސްޕިޓަލް) އިތުރުން ކިންގްސް ހޮސްޕިޓަލް އަދި ދޫރްދާންސް ހޮސްޕިޓަލް ހިމެނެއެވެ.
ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ސަރުކާރުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާ އާސަންދަ ނިޒާމަށް، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ބޭސް ގަތުމަށް ހޭދަވާތީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމަށްޓަކައި ދައުލަތުގެ ވަކި ކުންފުންޏެއް އުފައްދަވައިގެން ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.