ދުނިޔެ

މިޔަންމާ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް، އެ ގައުމުގެ ލީޑަރު އިންޑިއާއަށް ވަޑައިގެންފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މިއަހަރުގެ އޭޕްރީލް މަހު މިޔަންމާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިން އައުންގް ހްލައިންގް ހޮނިހިރު ދުވަހު އިންޑިއާއަށް ވަޑައިގެންފިއެވެ. ފަސް ދުވަހުގެ މި ދަތުރުފުޅުގައި ސަލާމަތީ ކަންކަމާއި، ވިޔަފާރިއާއި، ސަރަހައްދީ ގުޅުންތަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރެވޭނެއެވެ.

އިންޑިއާއަށް ވަޑައިގެން އޭނާ ފުރަތަމަ ފައިބާވަޑައިގަތީ އިރުމަތީ ބިހާރު ސްޓޭޓަށެވެ. އެއަށްފަހު ބުޑިސްޓުންގެ އެންމެ މުގައްދަސް އެއް ތަން ކަމަށްވާ ބޯދު ގާޔާއަށް ވަޑައިގެން، މަހާބޯދީ ފައްޅީގައި ވަނީ އަޅުކަން ކުރައްވާފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ޖޫން 1 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ހްލައިންގް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމޫއާވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުން ރަމްޒުކޮށްދެނީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައިވާ "ވަރުގަދަ ރޫހާނީ، ތާރީޚީ އަދި ރައްޔިތުންގެ މެދުގައިވާ ބަދަހި ގުޅުން" ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މިއީ 2019 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާގެ ހައިސިއްޔަތުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ހްލައިންގް އެ ގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އަސްކަރިއްޔާގެ ބާރު ދެމެހެއްޓުމަށް ބޭއްވި އާންމު އިންތިޚާބަކަށްފަހު، އޭނާ ވަނީ އަސްކަރީ ޔުނިފޯމު ދޫކޮށްލައްވައި އޭޕްރީލް މަހު ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ. 2021 ވަނަ އަހަރު އަންގް ސަން ސޫ ކީގެ އިންތިޚާބީ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު މިޔަންމާ ހިންގަވަމުން ގެންދަވަނީ އޭނާއެވެ.

އެ ބަޣާވާތާ ގުޅިގެން ފެށުނު ބޮޑެތި މުޒާހަރާތައް ފަހުން ވަނީ އަސްކަރިއްޔާއާއި، ޑިމޮކްރަސީއަށް ތާއީދުކުރާ ފަރާތްތަކާއި، ނަސްލީ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު ހިނގާ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް 3.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ހްލައިންގް ރައީސްކަމަށް ވަޑައިގަތް އިންތިޚާބުގައި ސޫ ކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީއަށް ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި ހަމަނުޖެހުން ބޮޑު ބައެއް ސަރަހައްދެއްގައި ވޯޓުލުން ވަނީ ކެންސަލްކޮށްފައެވެ.

އުމުރުފުޅުން 80 އަހަރުގެ ސޫ ކީ އަދިވެސް ހުންނެވީ ބަންދުގައެވެ. އޭޕްރީލް މަހު ސަރުކާރުން ބުނެފައިވަނީ އާންމު މާފެއްގެ ދަށުން އެކަމަނާގެ ހުކުމް ލުއިކޮށް، ޖަލުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަނާ ހުންނެވި ތަނެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ސޫ ކީގެ ދަރިކަލުން ކިމް އާރިސް މި މަހު ވިދާޅުވީ، އޭނާގެ މަންމަ ދުނިޔޭގައި ހުރިކަމުގެ "ގަބޫލުކުރެވޭ، މިނިވަންކަމާއެކު ކަށަވަރުކުރެވޭނެ ހެއްކެއް" އަދިވެސް ނެތް ކަމަށާއި، "ދުނިޔޭގައި ހުރިކަމުގެ ހެކި ދެއްކުމަށް" މިޔަންމާގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.

ރައީސް އިންޑިއާއަށް މި ވަޑައިގަތީ، އެތައް އަހަރެއްގެ އެކަހެރިކަމަށްފަހު، ސަރަހައްދީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ބިނާކުރުމަށް މިޔަންމާގެ ލީޑަރޝިޕުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. 2021 ގެ ބަޣާވާތަށްފަހު، އާސިއާން އިން އެކުލަވާލި ސުލްހައިގެ ޕްލޭން ތަންފީޒުނުކުރުމުގެ ސަބަބުން، އެ ޖަމާއަތުގެ ސަމިޓްތަކުގައި ބައިވެރިވުން މިޔަންމާގެ އަސްކަރީ ލީޑަރުންނަށް ވަނީ މަނާކޮށްފައެވެ.

ކްރައިސިސް ގްރޫޕްގެ ސީނިއަރ މިޔަންމާ އެޑްވައިޒަރ ރިޗަރޑް ހޯސޭ ރޮއިޓަރސްއަށް ވިދާޅުވީ، މަދަނީ ރައީސެއްގެ ދައުރާ ހަވާލުވެވަޑައިގަތުމަށްފަހު ހްލައިންގް ބޭނުންފުޅުވަނީ "މުޅި ސަރަހައްދުގައި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރަން" ކަމަށެވެ. "ތައިލެންޑާއި އެހެނިހެން ބައެއް މެމްބަރު ގައުމުތަކުގެ އެހީތެރިކަމާއެކު އާސިއާންއާ އެކު އާންމު ގުޅުންތަކެއް އޭނާ އުއްމީދުކުރޭ. އަދި ޝީ ޖިންޕިންގް އާ ބައްދަލުކުރެއްވުމަށް ވަރަށް އަވަހަށް ބެއިޖިންގްއަށް ވަޑައިގަތުމަކީވެސް އެކަށީގެންވާ ކަމެއް. އިންޑިއާއަކީ މިޔަންމާގެ އަނެއް މުހިންމު އަވަށްޓެރިޔާ،" ހޯސޭ ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ފާޑުކިޔުންތަކާއެކުވެސް، ބަޣާވާތަށްފަހު އިންޑިއާއިން ވަނީ މިޔަންމާގެ ޖަންޓާއާއެކު އޮންނަ ގުޅުން ދަމަހައްޓާފައެވެ. ދެ ގައުމުގެ ދެމެދުގައި 1،643 ކިލޯމީޓަރުގެ ސަރަހައްދީ ރޮނގެއް އޮންނައިރު، ބޯޑަރު ސެކިއުރިޓީއާއި ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް އިންޓެލިޖެންސް ހިއްސާކުރުމުގެ އޮޕަރޭޝަންތަކުގައި ދެ ގައުމުން އެއްބާރުލުންދެއެވެ.

އިންޑިއާއިން މިޔަންމާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ގޯތަމް މުކޮޕާދްޔާ ރޮއިޓަރސްއަށް ވިދާޅުވީ، ޗައިނާގެ ނުފޫޒު މިޔަންމާގައި ބޮޑުވި ނަމަވެސް، ޗައިނާއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހަމަހަމަކުރުމަށް މިޔަންމާއިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. "އިންޑިއާގެ ފަރާތުން މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ރޯ މެޓީރިއަލް، މަދުން ލިބޭ މައުދަންތައް (ރޭރ އާތްސް) އަދި ވިޔަފާރީގެ ގޮތުން އެމީހުންނަށް މިކަމުން ލިބިދާނެ މަންފާތައް،" އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ކަޗިން، ޗިން އަދި ކަރެން ސްޓޭޓްތަކުގައި ދެކޮޅުވެރި ފަރާތްތަކުގެ އަތްދަށަށް ގޮސްފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް ހަމަލާތައް ވަރުގަދަކުރަމުންނެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ބަދަލުކުރެވެމުންދަނީ މަދުން ލިބޭ މައުދަންތައް ނަގާ ސަރަހައްދުތަކާއި މިޔަންމާއާއި އިންޑިއާ، ޗައިނާ އަދި ތައިލެންޑް ގުޅުވައިދޭ މައިގަނޑު ވިޔަފާރީގެ މަގުތަކާ ކައިރީގައެވެ. އެންޕީއާރު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން ދަނީ މިޔަންމާގެ މައުދަންތަކުގެ ރިޒާވްތަކަށް ވަނުމުގެ ފުރުސަތު ހޯދަމުންނެވެ. ނަމަވެސް ސަރަހައްދީ ސަޕްލައި ޗެއިންގެ ބޮޑު ބައެއް އަދިވެސް ކޮންޓްރޯލްކުރަނީ ޗައިނާއިންނެވެ.

އެކްޓިވިސްޓް ގްރޫޕް 'ޖަސްޓިސް ފޯރ މިޔަންމާ' ގެ ތަރުޖަމާނު ޔަދަނާ މައުންގް ހުކުރު ދުވަހު އެސޯސިއޭޓެޑް ޕްރެސްއަށް ފޮނުވި އީމެއިލް ބަޔާނެއްގައި ވިދާޅުވީ: "މިޔަންމާގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ ކެމްޕޭނެއް ހިންގަމުންދާ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށްވާ މިން އައުންގް ހްލައިންގް އަށް މެހެމާންދާރީ އަދާކުރުމަށް އިންޑިއާއިން ނިންމި ނިންމުން އަޅުގަނޑުމެން ކުށްވެރިކުރަން."

"އިންޑިއާއިން މިސްރާބު ބަދަލުކޮށް، ޖަންޓާއަށް ދޮގު ޝަރުއިއްޔަތެއް ދިނުން ހުއްޓާލައި، ރައްޔިތުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގަމުންދާ ޓެރަރިޒަމްގެ ކެމްޕޭނުން މަންފާ ހޯދުން ހުއްޓާލަންޖެހޭ. އަދި އޭގެ ބަދަލުގައި ފެޑެރަލް ޑިމޮކްރަސީއަކަށްޓަކައި ކޮންމެ ދުވަހަކު މަސައްކަތްކޮށް ގުރުބާންވަމުންދާ މިޔަންމާގެ ރައްޔިތުންނަށް ތާއީދުކުރަންޖެހޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

Ads by Allied Insurance