ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އިސްލާމީ ވުޒާރާއިން ޚާއްޞަ އޮނިގަނޑެއް އެކުލަވާލަނީ
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1448 ވަނަ އަހަރުން ފެށިގެން ފިޠުރު ޢީދާއި އަޟްޙާ ޢީދު ވަކި ނިޒާމެއްގެ ތެރެއިން އިންތިޒާމުކޮށްގެން ފާހަގަކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޚާއްޞަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްޞާކުރައްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ، މިއީ މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ޢީދުގެ އުފާފާޅުކުރުމުގެ ކަންކަން އެއް އުޞޫލަކުން ކުރިއަށް ގެންދިއުމަށް ތައްޔާރުކުރެވޭ މަގުޗާޓެއް ކަމަށެވެ. އަދި މި އޮނިގަނޑު ފަރުމާކުރުމުގެ އަމަލީ މަސައްކަތް އެ ވުޒާރާގެ ޚާއްޞަ ކޮމިޓީއަކުން މިހާރު ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ޕްލޭންގެ ދަށުން ރަށްރަށުގައި ހިންގޭ ޙަރަކާތްތައް ރާވާނީ ސީދާ އެރަށެއްގެ ރަށު ކައުންސިލްތަކާ ގުޅިގެންނެވެ. އޭގެ އިތުރުން، އަތޮޅުތަކުގައި ޙަރަކާތްތެރިވާ ދީނީ އަދި މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރިވުން ވެސް މި ކަންކަން އިންތިޒާމުކުރުމުގައި ފުރިހަމައަށް ހޯދުމަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ބޮޑެތި ސިޓީތަކަށް އަމާޒުކޮށްގެން ޢީދު ފާހަގަކުރުމުގެ ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މި ހުރިހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސަމުން ގެންދާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގާތުން މަސައްކަތްކޮށްގެންނެވެ.
ޢީދުގެ އުފާފާޅުކުރުމުގެ ނަމުގައި ބައެއް ރަށްރަށުގައި އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިންގެ އާދަކާދައާ ބީރައްޓެހި، ނޭދެވޭ ކަންކަން ހިނގަމުންދާތީ، އެފަދަ ކަންކަން ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެއްވައެވެ. ނަމަވެސް، މިފަދަ ޙަރަކާތްތައް އަދިވެސް ބައެއް ސަރަޙައްދުތަކުގައި ބޭއްވޭތީ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި އައު ޕްލޭންގެ ސަބަބުން އިސްލާމީ އުޞޫލުތަކާ ޚިލާފު ކަންކަމަށް ނިމުމެއް އައިސް، ރީތި ގޮތުގައި ޢީދު ފާހަގަކުރެވިގެންދާނެކަމަށް ބެލެވެއެވެ.