ޚަބަރު

ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން 14 ދުވަހުގެ މުއްދަތަށް ޞިއްޙީ ހާލަތު ބެލުން މުހިންމު: އެޗްޕީއޭ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ޙައްޖާޖީން މިހާރު ރާއްޖެއަށް އަންނަން ފަށާފައިވާއިރު، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވަނީ މުހިންމު ކަންތައްތަކަކަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެތައް މިލިއަން ބަޔަކު ޖަމާވާ ތަނެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަންނައިރު، ބަލީގެ އެއްވެސް ނިޝާނެއް ވަގުތުން ފެންނަން ނެތް ކަމުގައިވިޔަސް ދެ ހަފްތާގެ މުއްދަތަކަށް ރޯގާގެ އަސަރެއް ހުރިތޯ ބެލުން ނުހަނު ބޭނުންތެރިއެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގައިވެސް ގައިންގަޔަށް އަރާ ބަލިތައް އާންމުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ސަނާ ވަނީ އެދިވަޑައިގެންފައެވެ.

ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ. އޭގެ ތެރޭގައި، ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު އުކާލުމުގެ އިތުރުން ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން ހިމެނެއެވެ. ހަމައެހެންމެ، ބޭރަށް ނުކުމެއުޅޭއިރު އަދި ދަތުރުފަތުރު ކުރާއިރު މާސްކު އެޅުމަށާއި، ރޯގާގެ އަސަރު ހުރިނަމަ މީހުން އެއްވެއުޅޭ ސަރަޙައްދުތަކަށް ނުދިއުމަށް ވަނީ އިރުޝާދުދީފައެވެ. ޚާއްޞަކޮށް ބަލިވެ އުޅޭއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާ ކައިރިނުވުމަށާއި ތުއްތު ކުދިން އުރައި ނުހެދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

Ads by Allied Insurance