ހިތަދޫ އުތުރު ބައި-އިލެކްޝަން: ސަރުކާރަށް އޮތް ތާއީދު ވޯޓު ފޮށިތަކުން ފެނިއްޖެކަމަށް ރާފިޢު ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް، އެ ރަށުގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ވެރިކަންކުރާ ޕީއެންސީއަށް ލިބުނު މެޖޯރިޓީއަކީ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ. އޭނާއަށް 1375 ވޯޓު ލިބިވަޑައިގަތްއިރު، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި 5 ފޮއްޓާއެކު ޖުމްލަ 7 ފޮށި ބެހެއްޓުނު މި އިންތިޚާބުގައި، ހިތަދޫގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން 4 ފޮއްޓަކުން 34 ވޯޓުގެ ތަފާތަކުން ކުރި ހޯދާފައި ވަނީ ޕީއެންސީން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ވޯޓުން ދައްކުވައިދެނީ ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތަކަށް އޮތް ބޮޑު ތާއީދު ކަމަށެވެ. އަދި އިންތިޚާބުގެ ކެމްޕެއިން ނިމުމަކަށް އައި ކަމުގައިވިޔަސް، ހިތަދޫގެ ކުރިއެރުމަށް ރާވާފައިވާ ކަންކަން ހުއްޓުމެއްނެތި ބާރު ދުވެއްޔެއްގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ދާއިރާގެ އެންމެހާ ރައްޔިތުންނަށް މި މަސައްކަތްތަކުގެ ފައިދާ ލިބިގެންދިޔުން،" ރާފިޢު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ކެމްޕެއިންގެ ތެރެއިން ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި، މިއީ އައު ފެށުމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ ބަޔަކާ ގުޅިގެން ކުރެވުނު މި މަސައްކަތުން ޕާޓީ ކުރިއަށްދާނެ މަގު ސާފުވުމަކީވެސް ކެމްޕެއިނުން ޙާޞިލުވި ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.