ދުނިޔެ

އިންޑިއާ އާއި ޔޫއޭއީގެ ގުޅުމާއި ސްޓްރެޓީޖިކް އޮޓޮނޮމީއަށް އަންނަމުންދާ ބަދަލު

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ލިޔުނީ: ކުމައިލް މަހްދީ | 4 ޖޫން 2026

އިންޑިއާގެ ޑިފެންސް ފޯސަސް ވިޝަން 2047 އިން ދައްކުވައިދެނީ، އެ ގައުމުގެ ސްޓްރެޓީޖިކް އޮޓޮނޮމީ (އަމިއްލަ މިނިވަންކަމާއެކު އިސްތިރާޖީ ނިންމުންތައް ނިންމުމުގެ ބާރު) ގެ މަފްހޫމަށް އަންނަމުންދާ ބޮޑު ބަދަލެކެވެ. ކުރިން މި ސިޔާސަތު ގުޅިފައި އޮތީ އެއްވެސް ފަރާތަކަށް ނުޖެހުމާއި ނިންމުންތައް ނިންމުމުގެ މިނިވަންކަން ދެމެހެއްޓުމާ ކަމަށް ވިޔަސް، މިހާރު މި ސިޔާސަތު މާނަކުރެވެމުން ދަނީ ބާރުވެރިކަން ދައްކާލުމާއި ޖިއޯޕޮލިޓިކަލް ނުފޫޒު ފޯރުވުމުގެ ނަޒަރަކުންނެވެ. އިންޑިއާ މިހާރު ދަނީ އިސްތިރާޖީ ގޮތުން ފަހަތަށް ޖެހިފައި އޮތް އޮތުން ދޫކޮށް، ބޮޑެތި ޖިއޯޕޮލިޓިކަލް މަގުސަދުތައް ހާސިލުކުރުމަށްޓަކައި އަސްކަރީ ގާބިލުކަން ބޭނުންކުރުމަށް ތައްޔާރަށް އޮތް ބޮޑު ބާރަކަށް ވުމަށް މަސައްކަތްކުރަމުންނެވެ. މި ބަދަލު އިތުރަށް ވަރުގަދަވެގެން ދަނީ ބޮޑުވަޒީރު މޯދީގެ މެދުއިރުމަތީގެ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކުންނެވެ. އެ ސަރަހައްދަކީ މިހާރު ހަމައެކަނި ހަކަތައިގެ ރައްކާތެރިކަމާއި ފައިސާ ފޮނުވާ ސަރަހައްދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިންޑިއާއިން މިހާރު ދެކެނީ އެއީ އިސްތިރާޖީ ގޮތުން ބާރު ފޯރުވުމާއި ސަލާމަތީ ގުޅުންތައް ބަދަހިކުރާ މައިދާނެއްގެ ގޮތުގައެވެ. ކޭއެސްއޭ (ސައުދީ އަރަބިއްޔާ) އާއި ޕާކިސްތާނުގެ ދިފާޢީ އެއްބަސްވުމުގެ ފަސްފަހަތުގައި، އިންޑިއާގެ ސަރަހައްދީ ދައުރު ފުޅާވުމަކީ މެދުއިރުމަތީގައި ބްލޮކް ސިޔާސަތުތައް (ވަކި ފަރާތްތަކަކަށް ޖެހިގެން އުފެދޭ ގުޅުންތައް) އަވަސްކުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

މާރިޗު 2026 ގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ އިންޑިއާގެ އަސްކަރިއްޔާގެ މުސްތަގުބަލުގެ މަގުސަދުތައް ބަޔާންކުރާ ލިޔުމެއް ކަމަށްވާ 'ޑިފެންސް ފޯސަސް ވިޝަން 2047' ނެރުއްވާފައެވެ. ކުރީގެ އިސްލާހީ މަސައްކަތްތަކާ މި ލިޔުން ތަފާތުވާ ސަބަބަކީ، އިންޑިއާގެ ޚާރިޖީ ސިޔާސަތުގައި އަސްކަރީ ބާރުގެ މުހިންމުކަން އަލުން މެދުތެރެއަށް ގެނެސްފައިވުމެވެ. މިއިން އަންގައިދެނީ ސްޓްރެޓީޖިކް އޮޓޮނޮމީއަކީ މިހާރު ހަމައެކަނި ދިފާޢީ ރޭވުމެއް ނޫން ކަމާއި، އެއީ އިސްނަގައިގެން ބާރު ދައްކާލާ ސިޔާސަތަކަށް ވަމުންދާ ކަމެވެ. މި ލިޔުމުގެ ތައާރަފުގައި ބަޔާންކޮށްފައިވާ ގޮތުން، މައިގަނޑު އަމާޒަކީ އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކޮށް، ކުރިއަރަމުން އަންނަ ދުނިޔޭގެ ނިޒާމުގައި އިންޑިއާގެ މަގާމު ސާބިތުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ 'ދުނިޔޭގެ ފެންވަރުގެ އަސްކަރިއްޔާއެއް' ބިނާކުރުމެވެ. މިކަމުގެ ސަބަބުން 'ދުރުމިނުގެ ތެރެއިން އޮޓޮނޮމީ' ގެ ބަދަލުގައި 'ގާބިލުކަމާއި ބާރުގެ ތެރެއިން އޮޓޮނޮމީ' ގާއިމުކުރުމަށް މަގުފަހިވެގެންދެއެވެ.

އިންޑިއާގެ 'ގްރޭޓަރ އިންޑޯ-ޕެސިފިކް' ތަޞައްވުރުގައި މެދުއިރުމަތި އަދާކުރަނީ ވިޔަފާރީގެ ކޮރިޑޯތަކާއި، ހަކަތައިގެ ރައްކާތެރިކަމާއި، އަދި ބިދޭސީ މަސައްކަތްތެރިންގެ ގުޅުންތައް ހިމެނޭ ޖިއޯސްޓްރެޓީޖިކް މަރުކަޒެއްގެ ދައުރެވެ. 2014 އިން ފެށިގެން މޯދީގެ ސަރުކާރުން އަންނަނީ ވަކި ބްލޮކަކަށް ނުޖެހި، ގިނަ ފަރާތްތަކަކާ ގުޅުން ބާއްވަމުންނެވެ. ނަމަވެސް 2023 ގައި އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ (އައިމެކް) އިއުލާނުކުރެވުމާއެކު، އިންޑިއާއިން ވަނީ މެދުއިރުމައްޗަކީ ގުޅުވައިދޭ މަރުކަޒެއްގެ ގޮތުގައާއި، ޖިއޯޕޮލިޓިކަލް މައިދާނެއްގެ ގޮތުގައި އަދި އިންޑިއާގެ ކުރިއެރުމާ ގުޅިފައިވާ ސަލާމަތީ މާހައުލެއްގެ ގޮތުގައި ދެކެން ފަށާފައެވެ. މިއާއެކު މެދުއިރުމަތި ވެފައިވަނީ އިންޑިއާގެ ފުޅާވެފައިވާ އިސްތިރާޖީ ސަރަހައްދުގެ ބަޔަކަށެވެ.

މެއި 2026 ގައި އިންޑިއާއާއި ޔޫއޭއީއިން ވަނީ ދިފާޢީ ސިނާއީ ގުޅުންތައް ބަދަހިކުރުމަށް އަމާޒުކޮށްގެން ސްޓްރެޓީޖިކް ޑިފެންސް ޕާޓްނަރޝިޕެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އާކަންކަން އުފެއްދުމާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ތަމްރީނާއި، ކަނޑުމަތީގެ ސަލާމަތާއި، މައުލޫމާތު ބަދަލުކުރުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނެއެވެ. ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޔޫއޭއީ އާއި އިންޑިއާއާ ދެމެދު ދިފާޢީ ގުޅުން އިތުރުވެގެންދާނެއެވެ. އަދި ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކާއި، އަސްކަރީ ޒިޔާރަތްތަކާއި ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

އިންޑިއާ އާއި ޔޫއޭއީގެ ގުޅުމުގެ މުހިންމުކަން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށްވުރެ މާ ފުޅާވެގެންދެއެވެ. މިއީ އިންޑިއާ، ޔޫއޭއީ، އިސްރާއީލް އަދި އެމެރިކާ ގުޅުވައިދޭ އައި2ޔޫ2 (I2U2) ފްރޭމްވަރކްގެ ފުޅާ އިސްތިރާޖީ މަންތިގަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. މިއީ ޓެކްނޮލޮޖީ، ކަނެކްޓިވިޓީ އަދި ލޮޖިސްޓިކްސްގެ ރޮނގުން އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ފްރޭމްވަރކެކެވެ. އައި2ޔޫ2 އަކީ ރަސްމީ އަސްކަރީ އެއްބަސްވުމަކަށް ނުވި ނަމަވެސް، އިގުތިސާދީ ގުޅުމާއި އިސްތިރާޖީ ވިލަރެސްކުރުން ގުޅުވައިދޭ ކުދި-ގިނަގައުމުތައް (މިނިލެޓަރަލް) ހިމެނޭ އޮނިގަނޑެއް އުފެދެމުންދާކަން މިއިން ހާމަކޮށްދެއެވެ. އިންޑިއާއިން ޔޫއޭއީއާއެކު ދިފާޢީ ގުޅުން ބަދަހިކުރަމުންދާއިރު، ހަމައެއާއެކު އައިމެކް ފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުން، އިންޑިއާ މިވަނީ ސަރަހައްދީ ނިޒާމުގެ މުސްތަގުބަލު ބައްޓަންކުރުމަށް މަސައްކަތްކުރާ ފުޅާ ގުޅުންތަކުގެ ވިއުގައެއްގެ ތެރެއަށް ވަދެފައެވެ.

މި ގުޅުމުގެ އަނެއް މުހިންމު ކަމަކީ، ޔޫއޭއީގެ ފުޖައިރާގައި އިންޑިއާގެ ތެލުގެ ރިޒާވް ރައްކާކުރުމަށް މަގުފަހިކޮށްދޭ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްސްގެ މަޝްރޫޢެވެ. ފުޖައިރާއަކީ ޔޫއޭއީގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ އަދި ތެޔޮ ރައްކާކުރާ މަރުކަޒެވެ. މިތަން ހުންނަނީ ހުރްމޫޒް ކަނޑުއޮޅިން ބޭރުގައެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގައި، އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ގެއްލުންތަކެއް ލިބި، މި މަރުކަޒުގެ ނާޒުކުކަން ވަނީ ހާމަވެފައެވެ. މި ހާލަތުގައި، އިންޑިއާގެ ރިޒާވް އެތަނުގައި ރައްކާކުރުމަކީ ހަމައެކަނި ހަކަތައިގެ ގޮތުން ދެގައުމު އެކަކު އަނެކަކަށް ބަރޯސާވުން އިތުރުވާނެ ކަމެއް ނޫނެވެ. އޭގެ އިތުރުން އެ އުމްރާނީ ވަސީލަތްތަކާއި ކަނޑުމަތީގެ މަގުތައް ހިމާޔަތްކުރުމަށް ދުރު ރާސްތާގެ ޝައުގުވެރިކަން އިންޑިއާއަށް އުފެދިގެންދާނެއެވެ. ޑިފެންސް ވިޝަން 2047 ގައި އަލަށް އުފެދޭ ހަމަނުޖެހުންތަކާ ކުރިމަތިލުމަށް އަލިއަޅުވާލާފައިވާއިރު، އެ ރިޒާވްތަކާއި ކަނޑުމަތީގެ މަގުތަކާއި އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަކީ އިންޑިއާއަށް މަޖުބޫރުވާނެ ކަމެކެވެ.

މީގެ އިތުރުން، މި ގުޅުމަކީ މުއާހަދާއެއްގެ ދަށުން މަޖުބޫރުވުންތަކެއް ނެތް ފްލެކްސިބަލް ގުޅުމެކެވެ. މިސާލަކަށް، ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ ދިފާޢީ އެއްބަސްވުމުގައި އޮންނަ ފަދައިން، އެއް ގައުމަކަށް ދެވޭ ހަމަލާއަކީ އަނެއް ގައުމަށް ދެވޭ ހަމަލާއެއް ކަމަށް ބަލާ މާއްދާއެއް މި އެއްބަސްވުމުގައެއް ނުވެއެވެ. ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ފަދަ އެއްބަސްވުމެއްގައި ސޮއިކުރަން އިންޑިއާއިން ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އޭގެ ސަބަބުން ޔޫއޭއީއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރެއަށް އިންޑިއާ ވަންނަން ޖެހިދާނެތީއެވެ. ހަމައެފަދައިން، އިންޑިއާއާއި ރިޔާޟާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ސައުދީން ޔޫއޭއީއާއެކު ރަސްމީ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރުން އެކަށީގެނެއް ނުވެއެވެ. މާލީ އަހަރު 25 ގައި އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ކުރި އެކްސްޕޯޓް 12 ބިލިއަން ޑޮލަރަށް އަރާއިރު، އިންޑިއާއިން އެތެރެކުރި މުދާ (މައިގަނޑު ގޮތެއްގައި ޕެޓްރޯލިއަމް އުފެއްދުންތައް) ވަނީ 30 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

ހަމައެއާއެކު، ކޭއެސްއޭ (ސައުދީ)، ޕާކިސްތާން، ތުރުކީ އަދި މިޞްރު ހިމެނޭ ގޮތަށް އުފެދެމުން އަންނަ ބަދަލު އިއްތިހާދުން ދައްކައިދެނީ މެދުއިރުމަތީގައި ވާދަވެރި ގުޅުންތަކުގެ އޮނިގަނޑުތަކެއް އުފެދެމުންދާ ކަމެވެ. އިންޑިއާ އާއި ޔޫއޭއީގެ ގުޅުމަކީ ރަސްމީ އިއްތިހާދަކަށް ނުވި ނަމަވެސް، މިއީ މެދުއިރުމަތީގައި ވާދަވެރި ގުޅުންތަކުގެ ވިއުގަތަކެއް އުފެދުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ދިފާޢީ އެއްބާރުލުމާއި، ޖާސޫސީ މައުލޫމާތު ހިއްސާކުރުމާއި، ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތަކުގެ ތެރެއިން އިންޑިއާއިން އޭގެ ސަލާމަތީ ދައުރު ފުޅާކުރަމުންދާއިރު، ސަރަހައްދީ އަދި ސަރަހައްދުން ބޭރުގެ އެހެން ފަރާތްތަކުން އޭގެ ރައްދުގައި އެހެން ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން މެދުއިރުމަތީގައި ބްލޮކްތަކެއްގެ ސިފައިގައި ގުޅުންތައް އުފެދި، އިސްތިރާޖީ ވާދަވެރިކަން އިތުރަށް ގޯސްވެގެން ހިނގައިދާނެއެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، އިންޑިއާއިން ސްޓްރެޓީޖިކް އޮޓޮނޮމީ ދޫކޮށްލަނީކީ ނޫނެވެ. އޭގެ ބަދަލުގައި އެ ގައުމުން ދަނީ ވާދަވެރި މުލްޓިޕޯލަރިޓީ (ގިނަ ބާރުތަކެއް އެކުލެވޭ) ޒަމާނަކަށް ފެތޭ ގޮތަށް އެ ސިޔާސަތު އަލުން މާނަކުރަމުންނެވެ. އައި2ޔޫ2، އައިމެކް އަދި އިންޑިއާ-ޔޫއޭއީ ގުޅުން ފަދަ އިގުތިސާދީ އަދި އިސްތިރާޖީ މަސައްކަތްތަކާއި، ޑިފެންސް ވިޝަން 2047 ގައި ކަނޑައަޅާފައިވާ މަގުސަދުތަކުގެ ތެރެއިން، އިންޑިއާއިން ދަނީ ސްޓްރެޓީޖިކް އޮޓޮނޮމީއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއްގެ ބަދަލުގައި އިސްނަގައިގެން ބައިވެރިވުމާއި ބާރު ދައްކާލުމުގެ ސިޔާސަތަކަށް ބަދަލުކުރަމުންނެވެ. މި އޮނިގަނޑުގެ ދަށުން، މިންވަރުކުރެވިފައިވާ ސަލާމަތީ ގުޅުންތައް އިންޑިއާގެ މަސްލަހަތުތަކާ ގުޅެއެވެ. ސަބަބަކީ އޭގެ ސަބަބުން އިސްތިރާޖީ ގުޅުންތަކުގައި ފްލެކްސިބިލިޓީ ހިފެހެއްޓުމާއެކު ދެކުނު އޭޝިއާއިން ބޭރަށް އެގައުމުގެ ނުފޫޒު ފުޅާކުރުމަށް މަގުފަހިވާތީއެވެ. އިންޑިއާ-ޔޫއޭއީ ގުޅުމުން މި ބަދަލު ސާފުކޮށް ފެނިގެންދެއެވެ. އެގޮތުން މަޖުބޫރުކުރުވާ އިއްތިހާދުތަކުން މިންޖުވެ އޮތުމާއެކު، މެދުއިރުމަތީގެ ސަލާމަތީ އޮނިގަނޑުގައި ހިއްސާވާ ގައުމަކަށް ވުމަށް މި ގުޅުމުން އިންޑިއާއަށް މަގުފަހިކޮށްދެއެވެ. ނަމަވެސް، ވާދަވެރި އިސްތިރާޖީ ގުޅުންތަކެއް އުފެދެމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ސަރަހައްދީ ސަލާމަތީ ކަންކަމުގައި ބައިވެރިވުން އިތުރުކުރަމުންދާއިރު، އެގައުމުގެ ފުޅާވަމުންދާ ދައުރުގެ ސަބަބުން، ބައިބައިވެފައިވާ މެދުއިރުމަތީގެ ނިޒާމެއްގައި ބްލޮކްތަކަށް ބެހިފައިވާ ސިޔާސަތުތައް އިތުރަށް ވަރުގަދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Ads by Allied Insurance