ސިޔާސީ

ޤައުމީ މަސްލަހަތު އިސްކުރެއްވުމުގައި ރައީސް މުޢިއްޒަކީ ފުރިހަމަ ނަމޫނާއެއް: ނާޒިމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމީ މަސްލަހަތު އެންމެ ކުރިއަށް ނެރުއްވާ ނަމޫނާ ލީޑަރެއްކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ސިފަކުރައްވައިފިއެވެ.

ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ކުރިން ޞިއްޙީ ވަޒީރުކަން ވެސް ކުރެއްވި ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ ފިކުރަކީ އަބަދުވެސް ޤައުމިއްޔަތެވެ. އެގޮތުން، ބޭރު ބައެއްގެ އަޅުވެތިކަމަށް ޤައުމު ދިޔުމާ ދެކޮޅަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލުމާ ދެކޮޅަށް އެ ޕާޓީން ވަރުގަދަ ޖިހާދެއް ކޮށްފައިވާކަން އޭނާ ހަނދާން އާކުރެއްވިއެވެ. ކާމިޔާބީއާއި ނާކާމިޔާބީގެ ވަގުތުތަކުގައި ވެސް އެ ޕާޓީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ތިބީ ޤައުމީ ލޯބީގައިކަން އޭނާ ތަފްސީލުކޮށްދެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ މުއައްސަސާތަކާއި އިޤްތިޞާދު އޮތް ހިތާމަވެރި ހާލަތުގެ މައްޗަށް ނާޒިމް ވަނީ ވަރަށް ފުޅާކޮށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޞިއްޙީ ވުޒާރާ ތެރޭގައި ހިންގާފައިވާ ވެންޓިލޭޓަރުގެ ބޮޑު ޚިޔާނާތާއި، މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްގެ ސަބަބުން މަސްވެރި އާއިލާތައް ނިކަމެތިވެފައިވާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލީ ވުޒާރާއާ ހަވާލުވިއިރު ނުދައްކާ ހުރި ބިލްތަކާއި ދައުލަތުގެ ބޮޑު ދަރަނީގެ ސަބަބުން އިޤްތިޞާދު އޮތީ ފުން ވަޅުގަނޑެއްގައިކަން ބަޔާންކުރެއްވިއެވެ.

ނަމަވެސް، އެ އުނދަގޫ ހާލަތުން މިންވަރުވެ، މިއަދު ޤައުމުގެ މިސްރާބު ހެޔޮ މަގަށް އަޅުވާފައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ނާޒިމް ވިދާޅުވިއެވެ. ޤައުމެއްގެ އަސާސީ ތަރައްޤީއަކީ ވަކި ތަރުތީބަކުން، ހަރުދަނާ ޓައިމްލައިނަކާ އެކު ކުރިއަށްގެންދަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އަމާޒު ހިފާފައި ވަނީ އެ ހަރުދަނާ އުސޫލުން ނަތީޖާ ނެރެދިނުމަށް ކަމަށް ވިދާޅުވިއެވެ.

ރޭގެ މި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމު ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

Ads by Allied Insurance