މާހުޅެވި ހަނދަކާ އެކު އަންގާރަ ދުވަހު ހިޖުރީ އައު އަހަރު ފެށެނީ
މާދަމާ ރޭ ރާއްޖޭގެ އުދަރެހުން ހަމަލޮލަށް ފެންނަވަރުގެ ނާދިރު މާހުޅެވި ހަނދެއް (ނިއު ސުޕަމޫން) ފެންނާނެ ކަމަށާއި، އަދި ކުރިއަށް އޮތް އަންގާރަ ދުވަހަކީ އިސްލާމީ އައު އަހަރުގެ ފުރަތަމަ ދުވަސްކަމަށް ފަލަކީ އިލްމުވެރިން ކަށަވަރުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ ފަލަކީ ހިސާބުތަކުގެ މާހިރު، ޢަބްދުﷲ ރަޝީދު (ލިނެޓް) ހާމަކުރެއްވި ގޮތުގައި، މި ހިނގާ ޙައްޖު މަހުގެ ނިމުން ފާހަގަކުރާ ގޮތަށް، މާދަމާ ހެނދުނު ރާއްޖެ ގަޑިން 07:54 ހާއިރު އިރާއި ހަނދު އެއް ނަކަތެއްގައި (މިއަހެލި ނަކަތުގައި) ބައްދަލުކުރާނެއެވެ. މިއީ ދުނިޔެ ވަށައިގެން ހަނދު ކުރާ ދަތުރުގެ ބުރު ފުރިހަމަވާ ވަގުތެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އާ މަހެއްގެ ފުރަތަމަ ރޭގެ ހުޅެވި ހަނދު ހަމަލޮލަށް ފެނުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. ނަމަވެސް މާދަމާ ރޭ މިކަން މެދުވެރި ވަނީ އެއީ ވަރަށް ފުރިހަމަ މާހުޅެވި ހަނދަކަށް ވުމުންނެވެ. އަދި އެރޭ ހަނދުގެ ހުޅެވި ހުންނާނީ އުތުރަށް އަރިވެފައެވެ.
މިކަން އިތުރަށް ތަފްޞީލުކޮށްދެއްވަމުން ޢަބްދުﷲ ވިދާޅުވީ، ރާއްޖެއިން އެންމެ ފަހުން އިރު އޮއްސޭނެ ކަމަށް ބެލެވޭ ހދ. މަކުނުދޫއަށް މާދަމާ އިރު އޮއްސޭނީ މަޣްރިބު ނަމާދުގެ ދެ މިނެޓު ކުރިން، ހަވީރު 06:25 ގައެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި އިރު އޮއްސޭތާ 37 މިނިޓު ފަހުން މެނުވީ އެ ރަށަށް ހަނދު އޮއްސިގެން ނުދާނެއެވެ. މީގެ މާނައަކީ، މުޅި ރާއްޖެއަށް ވެސް އިރު އޮއްސުމުގެ ފަހުން ފުދޭވަރެއްގެ ގިނައިރު ވަންދެން އުދަރެހުގައި ހަނދު ހުންނާނެކަން ޔަގީންވުމެވެ.