ދުނިޔެ

މުސްތަޤުބަލުގެ ހަނގުރާމަތަކަށް ތައްޔާރުވުމަށް އިންޑިއާއިން އަމިއްލަ ޑްރޯންތަކަށް ބޮޑު އިންވެސްޓެއް ކުރަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޒަމާންތަކެއް ވަންދެން އިންޑިއާގެ ބޯޑަރުތައް ބެލެހެއްޓުމަށް ބަރޯސާވެފައިވަނީ ސިފައިންނާއި، ފައިޓަރ ޖެޓުތަކާއި، ސެޓެލައިޓްތަކުގެ އިތުރުން އާދައިގެ ސަވައިލަންސް ނިޒާމުތަކަށެވެ. ނަމަވެސް، 2020 ވަނަ އަހަރު އިރުމަތީ ލަދާޚްގައި ޗައިނާއާ ދެމެދު އުފެދުނު އަސްކަރީ ނުތަނަވަސްކަމާއެކު، އުސް ސަރަޙައްދުތަކުގައި ފުޅާ ދާއިރާއެއްގައި ފާރަވެރިވުމަށް ހުރި ބޮޑެތި ގޮންޖެހުންތައް ވަނީ ހާމަވެފައެވެ.

މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިންޑިއާއިން މިހާރު ތައްޔާރުވަމުން ދަނީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކުން 2 ބިލިއަން އެމެރިކާ ޑޮލަރު (1.7 ބިލިއަން ޔޫރޯ) ގެ އަގުހުރި އަސްކަރީ ޑްރޯން ގަތުމަށެވެ. މިއީ އިންޑިއާގެ ތާރީޚުގައިވެސް އިންސާނުންނާ ނުލައި ދުއްވާ އުޅަނދުތައް ހޯދުމަށް ކުރާ އެންމެ ބޮޑު ހޭދައެވެ. މި ޑްރޯންތައް ފޯރުކޮށްދޭނީ އަދާނީ ގްރޫޕް، ޓާޓާ އެޑްވާންސްޑް ސިސްޓަމްސް، އަދި ލާސަން އެންޑް ޓޫބްރޯ ފަދަ ބޮޑެތި ކުންފުނިތަކުގެ އިތުރުން އައިޑިއާފޯޖް އަދި އެސްޓީރިއާ އެރޯސްޕޭސް ފަދަ ސްޓާޓްއަޕްތަކުންނެވެ.

ހަނގުރާމައިގެ މައިދާނުގައި ޖާސޫސީ މަޢުލޫމާތު އެއްކުރުމާއި، ސިފައިންގެ ހަރަކާތްތައް ދެނެގަތުމާއި، މުދާ ފޯރުކޮށްދިނުމުގެ އިތުރުން ސީދާ އަމާޒަށް ޙަމަލާތައް ދިނުމުގައި ޑްރޯންގެ މުހިންމުކަން ދަނީ އިތުރުވަމުންނެވެ. އިންޑިއާއިން ގަންނަ މި އައު ޑްރޯންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޗައިނާއާ ގުޅޭ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) އާއި، ޕާކިސްތާނާއި ބަންގްލަދޭޝްގެ ބޯޑަރުތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައެވެ.

މިއީ ހަމައެކަނި އަސްކަރީ އުޅަނދުތަކެއް ގަތުން ކަމަށް ފެނުނު ނަމަވެސް، މީގެން ދައްކުވައިދެނީ މުސްތަޤުބަލުގެ ހަނގުރާމަތަކާމެދު އިންޑިއާއިން ދެކޭ ގޮތަށް އައިސްފައިވާ ބޮޑު ބަދަލެވެ.

މޭ 2025 ގައި އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގައި ދިން ޕަހަލްގާމް ޙަމަލާއާ ގުޅިގެން އިންޑިއާ އަދި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ހީވިއެވެ. އެމެރިކާގެ އެހީތެރިކަމާއެކު ޙަމަލާބަދަލުކުރުން ހުއްޓާލުމާ ހަމައަށް ދެ ޤައުމުންވެސް ވަނީ ޑްރޯންއާއި ޒަމާނީ ވައިގެ ބާރުތައް ބޭނުންކޮށްފައެވެ. މި ހާދިސާއަށްފަހު އިންޑިއާއިން ވަނީ އެ ޤައުމުގެ އެއްގަމާއި ކަނޑު އަދި ވައިގެ ސިފައިން ގުޅިގެން ހިންގި އެންމެ ބޮޑު ޑްރޯން އަސްކަރީ ތަމްރީނު ކަމަށްވާ "ކޯލްޑް ސްޓާޓް" ފަށާފައެވެ.

އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ސެކްރެޓޭރިއަޓްގެ ކުރީގެ މެންބަރު ތާރާ ކާތާ ޑީޑަބްލިޔުއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ޑްރޯންގެ ނުރައްކާތެރިކަން އިންޑިއާއަށް އެންމެ ފުރަތަމަ އިޙްސާސްވީ 2021 ވަނަ އަހަރު ޖައްމޫ އެއަރ ފޯސް ބޭސްއަށް ދިން ޑްރޯން ޙަމަލާއިންނެވެ.

"އެ ހާދިސާއިން، އިންޑިއާގެ ސަލާމަތީ ނިޒާމުގައި ހުރި ބާގަނޑުތައް ހާމަވެގެންދިޔަ. އަދި ޖާސޫސުކުރުމަށާއި، ސްމަގްލްކުރުމަށާއި ޙަމަލާދިނުމަށް ޑްރޯން ބޭނުންކުރާ މިންވަރު އިތުރުވުމާއެކު އެ ނުރައްކާ ވަނީ ބޮޑުވެފައި،" ކާތާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިހާރު މުހިންމީ ހަމައެކަނި ޓެކްނޮލޮޖީ ނޫން ކަމަށާއި، އަސްކަރިއްޔާތަކުން އައު އުކުޅުތަކާއި އީޖާދުތައް އަވަހަށް ތަޢާރަފުކުރުން ކަމަށެވެ. އަދި ތިރިން އުދުހޭ ޑްރޯންތަކުގެ މައިދާނުގައި ކުރިހޯދާ ބަޔަކަށް ބޮޑެތި ހަނގުރާމަތަކުގައި ކާމިޔާބީ ލިބުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫކްރެއިން ހަނގުރާމައިގައިވެސް، އަގުހެޔޮ ޑްރޯންތައް ބޭނުންކޮށްގެން އަގުބޮޑު ޓޭންކުތައް ގޮއްވާލައި، ދުރުގައިވާ އަމާޒުތަކަށް ޙަމަލާދީފައިވެއެވެ. އިންޑިއާއިން މިހާރު ހޯދަން މަސައްކަތްކުރާ ތަކެތީގެ ތެރޭގައި ޖާސޫސީ ޕްލެޓްފޯމްތަކާއި، މުދާ އުފުލާ ޑްރޯންތަކުގެ އިތުރުން ޙަމަލާދޭ ޑްރޯންތައް (ލޮއިޓަރިންގ މިއުނިޝަންސް) ހިމެނެއެވެ.

"ޔޫކްރެއިން ހަނގުރާމައިން ކަށަވަރުވި ފިލާވަޅަކީ، ޑްރޯންއަކީ ހަމައެކަނި އެހީތެރިވެދޭ އާލާތެއް ނޫންކަން. މިއީ ޒަމާނީ ހަނގުރާމައިގެ މައިގަނޑު ބައެއް،" ކާތާ ވިދާޅުވިއެވެ.

މިއީ ހަމައެކަނި ސަލާމަތީ ކަމަކާ ގުޅިފައިވާ ނިންމުމެއް ނޫނެވެ. ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި ޑްރޯންތައް ގަންނަނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

"އިންޑިއާސް ކުއެސްޓް ފޯ ޔޫއޭވީސް އެންޑް ޗެލެންޖަސް" ފޮތުގެ މުސައްނިފު ވިންގް ކޮމާންޑަރ ރަޖީވް ކުމާރު ނަރަންގް ވިދާޅުވި ގޮތުގައި، ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމަތަކާއި، ޕަހަލްގާމް ޙަމަލާއާ ގުޅިގެން ހިންގި "އޮޕަރޭޝަން ސިންދޫރު" އިން، ޑްރޯން ޓެކްނޮލޮޖީގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން ވަނީ ސާބިތުވެފައެވެ.

"މުސްތަޤުބަލުގެ ހަނގުރާމަތަކުގައި ކުރި ލިބޭނީ އަމިއްލަ ޑްރޯން ޓެކްނޮލޮޖީ މިލްކުކޮށް، އަވަހަށް އައު އީޖާދުތައް ކުރާ ޤައުމުތަކަށް،" ނަރަންގް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަށް އޮތް ގޮންޖެހުމަކީ ހަމައެކަނި ޑްރޯން އުފެއްދުމެއް ނޫނެވެ. އޭގެ ފަހަތުގައިވާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އަވަހަށް އެ ތަކެތި ޚިދުމަތަށް ނެރުމަކީވެސް ގޮންޖެހުމެކެވެ.

އިންޑިއާގެ އަމިއްލަ އުފެއްދުންތަކުގެ އިތުރުން، އެމެރިކާއިން 31 "އެމްކިއު-9ބީ ޕްރިޑޭޓަރ" ޑްރޯން ގަތުމަށްވެސް ވަނީ ނިންމާފައެވެ. އެމެރިކާގެ ޑްރޯންތައް ދުރު ރާސްތާގެ އޮޕަރޭޝަންތަކަށް ބޭނުންކުރާއިރު، އިންޑިއާގެ ޑްރޯންތައް ގިނަ އަދަދަކަށް ބޭނުންކުރާނީ ހަނގުރާމައިގެ މައިދާނާ ގާތުންނެވެ. މިކަމުގެ ސަބަބުން ހިމާލަޔާ ފަރުބަދަތަކުން ފެށިގެން އިންޑިއާ ކަނޑާ ހަމައަށް ފުރިހަމަ ސަވައިލަންސް އަދި ކޮމްބެޓް ނެޓްވޯކެއް ޤާއިމުވެގެންދާނެއެވެ.

ދިފާޢީ ދާއިރާގެ ސްޓާޓްއަޕްއެއް ކަމަށްވާ ރޫދްރަމް ޑައިނަމިކްސްގެ މެނޭޖިންގ ޑިރެކްޓަރ ކޮނާރކް ރާއީ ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ކާމިޔާބީ ބިނާވެފައިވަނީ ހަމައެކަނި ގަންނަ ޑްރޯންތަކުގެ އަދަދަކަށް ނޫނެވެ. އޭގެ ބަދަލުގައި، އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއަށް މި ނިޒާމުތައް ފުރިހަމައަށް އެއްކޮށްލެވޭ މިންވަރު މުހިންމެވެ.

"އިންޑިއާގައި ޑްރޯން އުފެއްދުމަށް ހިތްވަރުދޭ ސިޔާސަތުތައް ހުރި ނަމަވެސް، މި ތަކެތި ހޯދުމާއި، ޓެސްޓުކުރުމާއި، ސެޓްފިކެޓް ދިނުމުގެ އިތުރުން ބޭނުންކުރަން ފެށުމުގެ މަރުޙަލާތައް މިހާރަށްވުރެ އަވަސްކުރަންޖެހޭ،" ރާއީ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އެތައް ހާސް ޑްރޯންއެއް އަސްކަރީ އޮޕަރޭޝަންތަކާ ގުޅުވާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށްޓަކައި ސިފައިން ތަމްރީނުކުރުމާއި، އިލެކްޓްރޯނިކް ވޯފެއަރއިން ރައްކާތެރިވުމާއި، ސައިބަރ ސެކިއުރިޓީގެ އިތުރުން މައިދާނުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ދެނެގަތުމުގެ ޤާބިލުކަން ހުންނަންޖެހޭނެއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ، ޑްރޯންތައް ހޯދުމާއެކުއެކީގައި، އެ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހަނގުރާމައިގެ މައިދާނުގައި ކުރިހޯދޭނެ ފަދަ އުސޫލުތަކަކާއި ތަމްރީނުތަކެއް ޤާއިމުކުރުން،" ރާއީ އިތުރަށް ވިދާޅުވިއެވެ.