ޚަބަރު

ފާއިތުވި ސަރުކާރުތަކާ އަޅާބަލާއިރު ރެކޯޑު މިންވަރަކަށް މި ސަރުކާރުން ދަރަނި އަދާކޮށްފައިވާނެ: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ދ. އަތޮޅު މީދޫ ކައުންސިލްގެ ރައީސްކަން ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވުމުގެ އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ފާއިތުވި ދެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުތަކުގައި ދަރަނި ނުދައްކާ މިންވަރަށް މި ސަރުކާރުން، ރެކޯޑު އަދަދަކަށް ދަރަނި އަދާކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ދ. އަތޮޅު މީދޫ ކައުންސިލްގެ ރައީސްކަން ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވުމުގެ އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާފައިވާނެ ކަމަށެވެ. އަދި މިއީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދެއްކި 953 މިލިއަން ޑޮލަރާއި، އޭގެ ކުރީގެ ސަރުކާރުން ދެއްކި 418.18 މިލިއަން ޑޮލަރާ އަޅާބަލާއިރު އިންތިހާއަށް ބޮޑު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އަދާކުރި ބޮޑު ދަރަނީގެ ތަފުސީލުތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުގެ ދަރަނީގެ ގޮތުގައި 891 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ ސަރުކާރުގެ ދަރަނީގެ ގޮތުގައި 195 މިލިއަން ޑޮލަރު އަދި ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ވެރިކަމުގެ ދަރަނީގެ ގޮތުގައި 62.5 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. މި ދައުރުގައި ނެގި ދަރަނީގެ ތެރެއިން ދައްކާފައި ވަނީ 4.9 މިލިއަން ޑޮލަރެވެ.

ދައުލަތުގެ ބޮލުގައި އެޅިފައިވާ ދަރަނީގެ ބޮޑުކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ބުރައެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދިވެސް ނުދެއްކި ހުރި ދަރަނިތަކުގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ 1.14 ބިލިއަން ޑޮލަރާއި، އޭގެ ކުރީ ސަރުކާރުގެ 710 މިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ދައުރުގެ 150.4 މިލިއަން ޑޮލަރާއި، ރައީސް މައުމޫނުގެ ދައުރުން ފެށިގެން ނުދެއްކި އޮތް 106.3 މިލިއަން ޑޮލަރު ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ބާކީ އޮތީ 239 މިލިއަން ރުފިޔާއެވެ. ރައީސް ވިދާޅުވީ ދަރަނީގެ ބޮޑު އަނދަވަޅުން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ ޤައުމީ ރޫޙެއްގައި ކަމަށެވެ.

ދަރަނި އަދާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އިޤުތިޞާދީ މިންގަނޑުތަކަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. 2023ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ބޭރުގެ ދަރަނި 51.3 އިންސައްތައިގައި ހުރިއިރު، މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ ޢަދަދު ވަނީ 44.5 އިންސައްތައަށް ތިރިކުރެވިފައެވެ. އަދި ސަރުކާރުގެ ސީދާ ދަރަނި 108.8 އިންސައްތައިން 104.8 އިންސައްތައަށް ކުޑަކުރެވިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.