ލައިފްސްޓައިލް

މޫނު ރީތިކުރަން ޕްރިޔާންކާގެ މަންމަ ބުނެދިން ފޭސް މާސްކު، ތައްޔާރު ކުރާނެ ގޮތް މިއޮތީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް އަދި މިހާރު ހޮލީވުޑްގައި ވެސް މަސައްކަތްކުރާ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސް، ރީތިވުމަށް އޭނާ ބޭނުންކުރާ އެއް ސިއްރު ހާމަ ކޮށްފިއެވެ.

Ads by MWSC

ޕްރިޔާންކާ ބުނި ގޮތުގައި އޭނާއަކީ އަބަދުވެސް ޒީނަތްތެރިވުމަށްޓަކައި އަމިއްލައަށް ތައްޔާރު ކޮށްފައި ހުންނަ، ކެމިކަލް ނުހުންނަ ތަކެއްޗަށް ލޯބިކުރާ މީހެކެވެ. އެގޮތުން ޝޫޓަކަށްފަހު މޭކަޕް ފުހެލުމަށް ވެސް ޕްރިޔާންކާ ބޭނުން ކުރަނީ ކާށިތެޔޮ ކަމުގައި އޭނާ ބުންޏެވެ.

މީގެއިތުރުން އިރުގެ ދޯދިތަކުން ހަންގަނޑު ހަލާކުވެ، އަނދާ، ބިހި ނެގުން ފަދަ ކަމެއް ވެއްޖެނަމަ ޕްރިޔާންކާ ބޭނުން ކުރަނީ އޭނަގެ މަންމަ ކިޔައިދިން ފޭސް މާސްކު ކަމަށް ވެސް ބުނެފައިވެއެވެ. އެ ފޭސް މާސްކަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ، ހަންގަނޑު އޮމާންކޮށްދީ، އުޖާލާ ކޮށްދޭ ފޭސް މާސްކެއް ކަމަށް ވެސް ޕްރިޔާންކާ ބުނެފައިވެއެވެ.

ފޭސް މާސްކު ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
▪︎ ގޮދަން ފުށްކޮޅެއް
▪︎ ރީނދޫ ކޮޅެއް (1/2 ސައިސަމުސާވަރު)
▪︎ ލުނބޯ ހުތް ކޮޅެއް
▪︎ ފުލް ކްރީމް ޔޯގަޓް (1/2 މޭޒުމަތީ ސަމުސާވަރު)
▪︎ ރޯސް ވޯޓަރ

ފޭސް މާސްކު ތައްޔާރުކޮށް، މޫނުގައި އުނގުޅާނެ ގޮތް:
ގޮދަން ފުށް، ރީނދޫ، ލުނބޯ ހުތް އަދި ޔޯގަޓް ކޮޅު ތައްޓަކަށް އެއްކޮށްލާފަ، ޕޭސްޓެއް ހެދޭނެ ފަދައިން (މާ ބޮޑަށް ދިޔާ ނުވާ ވަރަށް) ރޯސް ވޯޓަރ ވެސް އަޅާ އެއް ކޮށްލާށެވެ.
އެއަށްފަހު ރީތިކޮށް މޫނު ދޮވެ ހިއްކާލުމަށްފަހު، އެއްކުރި ތަކެތި އެއްކޮށް މޫނުގައި އުނގުޅާލާށެވެ. އަދި 10-15 މިނެޓަށް ބަހައްޓާށެވެ.
އެވަގުތު ހަމަވުމުން، މޫނު ނުދޮވެ، ހުސް އަތުން މޫނު އުނގުޅައިގެން އެތަކެތި ފިލުވާލާށެވެ. މޫނު ދޮންނާނީ އެއްކޮށް އެތަކެތި ފިލީމައެވެ.

ޕްރިޔާންކާ ބުނެފައިވާ ގޮތުގައި ހަފްތާއަކު މަދުވެގެން ދެ ފަހަރު މިފޭސް މާސްކު އެޅުމުން، ހަންގަނޑަށް އައިސްފައި ހުންނަ ރީތި ބަދަލު ފެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!