ޚަބަރު

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓު މި ދައުރުގައި ހުޅުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރ. އަލިފުށީގައި މިހާރު ކުރިއަށްދާ އެއާޕޯޓް އަދި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށް، މި ރިޔާސީ ދައުރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، ސީދާ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ބައްދަލުވުންތަކުގެ ތެރެއިންނެވެ. އެގޮތުން، އަލިފުށީގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލްގެ މަސައްކަތްތައް މެދުކެނޑިފައިވާކަމަށް ފާހަގަކޮށް ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ރައީސް ވަނީ އެކަން ސާފުކޮށްދެއްވައި، ރައްޔިތުންނަށް ބޭނުންވާ މުހިންމު މި މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެކަން ހާމަކުރައްވާފައެވެ.

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން އަލިފުށީގައި ބިނާކުރަމުން އަންނަނީ ތިރީސް އެނދުގެ ޖާގަ ހިމެނޭ ޒަމާނީ ހޮސްޕިޓަލެކެވެ. ޖުމްލަ 128 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އެ ކުންފުންޏަށްދީފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!