ދުނިޔެ

އިންޑިއާގެ އެސްސީއައި އިން 720 މިލިއަން ޑޮލަރުގެ ބޯޓު ބަނުމުގެ އެންމެ ބޮޑު ޓެންޑަރު ބައިނަލްއަޤްވާމީ ފަރާތްތަކަށް ހުޅުވާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އިން، އެ ކުންފުނީގެ ތާރީޚުގައި ވެސް ހުޅުވާލި އެންމެ ބޮޑު ބޯޓު ބަނުމުގެ ޓެންޑަރު، 6 ސެލިއުލަރ ކޮންޓެއިނަރ ބޯޓު ބަނުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ އަގަކީ ގާތްގަނޑަކަށް 720 މިލިއަން އެމެރިކާ ޑޮލަރު (6،858 ކްރޯޑު ރުޕީސް) ކަމަށް ލަފާކުރެވެއެވެ.

އީޓީ އިންފްރާގެ ރިޕޯޓަކާ ޙަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، މި ޓެންޑަރުގެ ދަށުން ބަންނާނީ ކޮންމެ ބޯޓެއްގައި 8،000 ޓީއީޔޫ (20 ފޫޓުގެ ކޮންޓެއިނަރ) އުފުލޭ ވަރުގެ ޖާގަ ހުންނަ 6 ބޯޓެވެ. މީގެ ތެރެއިން 2 ބޯޓަކީ ކަށަވަރުކޮށް ހަވާލުކުރެވޭ އޯޑަރުތަކަކަށް ވާއިރު، ބާކީ 4 ބޯޓަކީ އިޚްތިޔާރީ (އޮޕްޝަނަލް) އޯޑަރުތަކެކެވެ.

ސެލިއުލަރ ކޮންޓެއިނަރ ބޯޓަކީ ޚާއްޞަކޮށް ސްޓޭންޑަޑް ކޮންޓެއިނަރ އުފުލުމަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މިފަދަ ބޯޓުތަކުގައި 20 ފޫޓާއި 40 ފޫޓުގެ ކޮންޓެއިނަރުތައް ތަރުތީބުން އެތުރުމަށްޓަކައި ޚާއްޞަ ގައިޑް ރޭލުތަކަކާއި ސްލޮޓްތަކެއް ހުރެއެވެ.

ޓެންޑަރުގެ ޝަރުޠުތައް ބަޔާންކުރާ ގޮތުން، ބޭރުގެ ކުންފުނިތަކުން ހުށަހަޅާ އެންމެ ކުޑަ އަގާ އެއްވަރުގެ އަގެއް ހުށަހެޅުމުގެ ފުރުޞަތު 'ރައިޓް އޮފް ފަސްޓް ރިފިއުޒަލް' (އާރްއޯއެފްއާރް) ގެ ދަށުން އިންޑިއާގެ ޝިޕްޔާޑުތަކަށް ލިބިގެންދާނެއެވެ. ފުރަތަމަ ފުރުޞަތު ލިބޭ އިންޑިއާގެ ކުންފުންޏަށް އެ އަގާ އެއްވަރު ނުކުރެވިއްޖެނަމަ، ދެން ފުރުޞަތު ދެވޭނީ ޝަރުޠު ހަމަވާ އިންޑިއާގެ އެހެން ޝިޕްޔާޑަކަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ ބޯޓު ބަނުމުގެ ސިނާޢަތަށް ހިތްވަރުދިނުމާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.

ސެލިއުލަރ ކޮންޓެއިނަރ ބޯޓު ބަނުމުގެ ތަޖުރިބާ ނެތް އިންޑިއާގެ ޝިޕްޔާޑުތަކަށްވެސް، ތަޖުރިބާކާރު ބޭރުގެ ކުންފުނިތަކާ ގުޅިގެން ޓެކްނިކަލް ޕާޓްނަރޝިޕްގެ ދަށުން މި ޓެންޑަރުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް، ބައިވެރިވާ ބޭރުގެ ކުންފުންޏަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި 5،000 ޓީއީޔޫ ނުވަތަ އެއަށްވުރެ މަތީ ޖާގައިގެ މަދުވެގެން 2 ސެލިއުލަރ ބޯޓު ބަނދެ، މިހާރުވެސް ޚިދުމަތުގައި ބޭނުންކުރަމުންދާ ބޯޓުތަކެއް އުފައްދާފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، އެފަރާތަކީ ޑުއަލް-ފިއުލް އުޅަނދު ފަރުމާކުރުމުގެ ނުވަތަ ބަނުމުގެ ތަޖުރިބާ ހުރި، އަދި މުޅި ޕްރޮޖެކްޓުގައި ޑިޒައިން ސަޕޯޓް ފޯރުކޮށްދެވޭނެ ޤާބިލުކަން ހުރި ކުންފުންޏަކަށް ވުމަކީވެސް ލާޒިމުކަމެކެވެ.

އީޓީ އިންފްރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތައް ބަދަލުކުރުމުގެ އިޚްތިޔާރު ދީފައިވާތީ، މިއީ 'ބާރަތު ކޮންޓެއިނަރ ޝިޕިންގ ލައިން' (ބީސީއެސްއެލް) ކޮންސޯޓިއަމްގެ މިލްކުވެރިކަމުގެ ދަށަށް މި 6 ބޯޓު ގެންދިއުމުގެ އިޝާރާތަކަށް ވުން އެކަށީގެންވެއެވެ. އެސްސީއައި އަކީ މި ކޮންސޯޓިއަމްގެ ބައިވެރިއެކެވެ. މީގެ އިތުރުން ކޮންޓެއިނަރ ކޯޕަރޭޝަން އޮފް އިންޑިއާ (ކޮންކޯރ)، ޖަވާހަރްލާލް ނެހުރޫ ޕޯޓް އޮތޯރިޓީ (ޖޭއެންޕީއޭ)، ވީ.އޯ ޗިދަމްބަރަނާރ ޕޯޓް އޮތޯރިޓީ (ވީއޯސީޕީއޭ)، ޗެންނާއީ ޕޯޓް އޮތޯރިޓީ، އަދި ސާގަރްމާލާ ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެސްއެމްއެފްސީއެލް) ވެސް މި ކޮންސޯޓިއަމްގައި ހިމެނެއެވެ.

މި ޓެންޑަރުގައި ބައިވެރިވާ އިންޑިއާގެ ޝިޕްޔާޑުތަކަށް އިންޑިއާ ސަރުކާރުގެ 24،736 ކްރޯޑު ރުޕީސްގެ 'ޝިޕްބިލްޑިންގ ފައިނޭންޝަލް އެސިސްޓެންސް ސްކީމް' (އެސްބީއެފްއޭއެސް) ގެ ދަށުން މާލީ އެހީތެރިކަން ހޯދޭނެއެވެ. 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ 69،725 ކްރޯޑު ރުޕީސްގެ މެރިޓައިމް ޕެކޭޖުގެ ބައެއްގެ ގޮތުގައި ހިމެނޭ މި ސްކީމްގެ ދަށުން ކޮންމެ އުޅަނދަކަށް 15 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ކުންފުނިތަކާ ވާދަކުރާއިރު އިންޑިއާގެ ޝިޕްޔާޑުތަކަށް އެހީތެރިވުމުގެ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމެކެވެ.

ޓެންޑަރުގެ ޝަރުޠުތަކުގެ ތެރޭގައި، ބޯޓުތައް ބަންނަންވާނީ ބިޑު ހުށަހަޅާ ފަރާތުގެ އަމިއްލަ ފެސިލިޓީއެއްގައި ކަމަށާއި، މުޅި ޕްރޮޖެކްޓް ނުވަތަ އޭގެ ބައެއް ސަބްކޮންޓްރެކްޓް ކުރުން މަނާކޮށްފައިވެއެވެ. އަދި ބިޑު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ވަކި އަގެއްގައި (ފިކްސްޑް-ޕްރައިސް)، 100 އިންސައްތަ ނަގުދު ފައިސާއިން ބަހާލައިގެން (އިންސްޓޯލްމަންޓް އުޞޫލުން) ފައިސާ ދައްކާ ގޮތަށެވެ. މީގެ އިތުރުން ޕްރޮޖެކްޓް ނިމެންދެން ޑިޒައިން އެސިސްޓެންސް ދިނުމަށް ބޭރުގެ ޕާޓްނަރަށް ޝަރުޠުކޮށްފައިވެއެވެ.

މި ޓެންޑަރުގެ ކުރިންވެސް އެސްސީއައި އިން ވަނީ މެތަނޯލް ޑުއަލް-ފިއުލް ބޭނުންކުރެވޭ ފީޑަރ ކޮންޓެއިނަރ 6 ބޯޓު ބަނުމުގެ މަޝްރޫޢެއް އިޢުލާނުކޮށްފައެވެ. ގާތްގަނޑަކަށް 360 މިލިއަން ޑޮލަރުގެ އެ މަޝްރޫޢުގެ ދަށުން ބަންނަނީ ކޮންމެ ބޯޓެއްގައި 1،700 ޓީއީޔޫގެ ޖާގަ ހުންނަ އުޅަނދުތަކެކެވެ. އެ ފަހަރުވެސް ހުޅުވާލީ ކަށަވަރު 2 އޯޑަރާއި އިޚްތިޔާރީ 4 ބޯޓުގެ އޯޑަރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!