ޚަބަރު

ރައީސް، ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މީސްމީޑިއާ 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގްގެ އިތުރުން އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއިން އެ ބަދަހި އެކުވެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި އެ ގުޅުމަކީ ދެފަރާތުގެ މެދުގައި އޮތް އިތުބާރާއި، އިޙްތިރާމްގެ އިތުރުން ސަރަޙައްދީ ސުލްޙައާއި ކުރިއެރުމަށް އޮތް އެއްގޮތް ތަސައްވުރެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިންގަޕޫރުގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި، އެއްބައިވަންތަކަމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގެން ރައީސް ވަނީ އެމަނިކުފާނުގެ ހެޔޮއެދުންތައް ފާޅުކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!