ޚަބަރު

އިންޖިނިއަރސް އެވޯޑްސް 2026ގެ އެންމެ ގިނަ އެވޯޑް އެމްޑަބްލިއުއެސްސީއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިންޖިނިއަރސް އެވޯޑްސް 2026ގެ އެވޯތައް ލިބުނު އެމްޑަބްލިއުއެސްއީގެ މުވައްޒަފުން---

މިރޭ ބޭއްވި "އިންޖިނިއަރސް އެވޯޑްސް 2026"ގައި، ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދައްކަމުންދާ ލާމަސީލު ނަމޫނާގެ ސަބަބުން، ޖުމްލަ ހަތަރު އެވޯޑަކާއެކު އެންމެ ގިނަ ކާމިޔާބީ ހޯދި ފަރާތުގެ ޝަރަފު މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ހޯދައިފިއެވެ.

މި ޝަރަފުވެރި ހަފްލާގައި އެ ކުންފުނިން ވަނީ މުހިންމު ދެ ދާއިރާއަކުން އެވޯޑު އުފުލާލާފައެވެ. އެގޮތުން، ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސައްތައިންސައްތަ އިއާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ފެން އުފައްދާ ނިޒާމުގެ ސަބަބުން 'ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް' އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އަދި ރ. ދުވާފަރުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޚިދުމަތް އެއް ނިޒާމެއްގެ ދަށުން ފޯރުކޮށްދޭ އިންޓެގްރޭޓަޑް ޔުޓިލިޓީ މޮޑެލްއާ ގުޅިގެން 'ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް' ވެސް ވަނީ ހާސިލުކޮށްފައެވެ.

ކުންފުންޏަށް ލިބުނު ފަޚުރުވެރި އެވޯޑުތަކުގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން ވެސް އެމްޑަބްލިއުއެސްސީގެ އިސް ވެރިޔަކު ވަނީ ވިދާލާފައެވެ. އެ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ޑރ. ފުރުޤާން އިބްރާހީމަށް ވަނީ، މި އަހަރުގެ އެންމެ މޮޅު އިންޖިނިއަރުގެ މަގާމުގެ އިތުރުން 'އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު' ވެސް އަރުވާފައެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މުޅި ކުންފުންޏަށާއި އެތަނުގެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ އަގު މި އެވޯޑުތަކުން ވަޒަންކުރެވިއްޖެކަމަށް އެ ކުންފުނިން ދެކެއެވެ. އަދި މިއީ ކުންފުނީގެ ފަންނީ މުވައްޒަފުންނާއި އިންޖިނިއަރުންގެ މިންނަތް މަސައްކަތުގެ ސާފު ނަތީޖާކަމަށް ވެސް ވަނީ ބުނެފައެވެ.

ކުރިމަގުގައި ވެސް އެމްޑަބްލިއުއެސްސީގެ އެންމެ ބޮޑު އަމާޒަކީ ދިރާސާތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމާ އެކު، މުޅި ރާއްޖެއަށް އިތުބާރު ހިފޭ، ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!