ޕާކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ
ޕާކިސްތާނުގެ ގައުމީ އެއާލާއިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން(ޕީއައިއޭ)އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެ ދަތުރުތައް ފަށަން ނިންމިކަން ޕީއައިއޭއިން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މަޖިލީހުގެ މެމްބަރުންތަކެއް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އަމީރު ހަޔާތުއާއެކު އެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންއެވެ.
އެ ބައްދަލުވުމުގައިި ސީއީއޯ ވިދާޅުވީ ޕީއައިއޭގެ ފްލީޓަށް އިތުރު ބޯޓުތަކެއް ހޯދުމަށް ފަހު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އެ ދަތުރުތައް ފެށުމުން ޓޫރިޒަމްއާއި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން ވެސް ޕާކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މަޝްވަރާތައް ކޮށްފައިވެއެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެނެއެވެ. ރާއްޖެއާ ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ނޯންނާތީ ދެ ގައުމުގެ ދެމެދު ދަތުރުތައް އާންމުކޮށް ކުރަނީ ދުބާއީ ނޫނީ ލަންކާގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ.
ޕާކިސްތާނުގެ ޑޮކްޓަރުންނާއި ޓީޗަރުން ވެސް ރާއްޖޭގައި މަސައްކަތް ކުރާއިރު ބައެއް ދިވެހި ދަރިވަރުން ވެސް ޕާކިސްތާނުގައި ކިޔަވަން ތިބެއެވެ.