ޚަބަރު

ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއަޅައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިންމަފުށީގައި ގާއިމުކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއެޅުން--

ކ. ހިންމަފުށީގައި ތަރައްގީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި، ފެސިލިޓިގެ ބިންގާ އަަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ސިއްދީގު އާއި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސާހީން އާދަމްގެ އިތުރުން ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމްއެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ އާ އިމާރާތް ބިނާކުރާނީ 500މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ކަމަށާއި އާ އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައި ކަމަށެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ހިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ހިދުމަތް ލިބެން ހުންނާނެއެވެ. ހިންމަފުށީގައި މިހާރު އިމާރާތަކީ 174މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80މީހުންނަށެވެ.

އަލަށް އަޅާ އިމާރާތުގެ މަޝްރޫއަކީ ފަސް މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. އެ މަޝްރޫއުއަށް ހަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.