ޚަބަރު

އީ-ޕާސްޕޯޓުގެ ޚިދުމަތް އަންނަ ހަފުތާގައި އާންމު ހާލަތަކަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ރާއްޖެއަށް އީ-ޕާސްޕޯޓް ބުކްލެޓްތައް އެތެރެކުރުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ޕާސްޕޯޓް ހެދުމުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަންނަ ހަފުތާގެ ތެރޭގައި މުޅިން ހައްލުވެ، ހިދުމަތް ކުރީގެ ހާލަތަށް އަންނާނެކަމުގެ ޔަގީންކަން މޯލްޑިވްސް އިމިގްރޭޝަނުން ދީފިއެވެ.

އެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ޕާސްޕޯޓް ޕްރިންޓްކުރާ ފޮތްތަކުގެ އައު ސްޓޮކް ލިބުމާ އެކު އާންމު އުސޫލުން ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ނަމަވެސް، މިވަގުތު އީ-ޕާސްޕޯޓު ދޫކުރަމުން ގެންދަނީ ހަމައެކަނި ސިއްހީ ފަރުވާއަށް ފުރަންޖެހުން ފަދަ ކުއްލި އަދި މަޖުބޫރު ހާލަތްތަކުގައި ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ.

އިލެކްޓްރޯނިކް ޕާސްޕޯޓްގެ ސްޓޮކް މަދުވުމުގެ ސަބަބުން، ވަގުތީ ގޮތުން މިހާރު ދޫކުރަމުން އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. މިއީ ވެސް ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބިފައިވާ މެޝިނުން ކިޔޭ ޕާސްޕޯޓެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އާންމު އީ-ޕާސްޕޯޓަކަށް 1،000 ރުފިޔާ ހަރަދުވާއިރު، މި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ހެއްދުމަށް ދައްކަންޖެހެނީ 600 ރުފިޔާއެވެ.

މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިމިގްރޭޝަނުން ވަނީ ހާއްސަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން، މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދާ މީހަކު، އެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އިތުރު ޖޫރިމަނާއެއް ނުވަތަ 'ކެންސަލޭޝަން ފީ'އެއް ނުނަގައި އެކަން ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އިންޑިއާ އަދި ސްރީލަންކާއަށް ކުރު ދަތުރުތައް ކުރާ ދިވެހިންނަށް ހާއްސަކޮށްގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އިމަޖެންސީ ޕާސްޕޯޓެއް ވެސް މިހާރު ފޯރުކޮށްދެމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

Ads by HDC