ޚަބަރު

ވަޤުފު ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ވަޤުފު ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވި ބޭފުޅުން / ފޮޓޯ: ޕީސީބީ

ދީނީ ކަންކަމަށް ކުރާ ހޭދަ އިތުރުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން އުފެއްދެވި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ހިންގުމަށްޓަކައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.

އެ ކުންފުނީގެ ބޯޑުގެ އެންމެ އިސް ދެ މަޤާމު ކަމަށްވާ ޗެއަރޕާސަންގެ މަޤާމަށް އައްޝައިޚް ޢިއްޒަދީން ޢަދުނާން އަދި މެނޭޖިންގ ޑިރެކްޓަރުކަމަށް ޔާމީން އިދުރީސް ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ޙުސައިން ޝާމް އާދަމް، ޑރ. މުޙައްމަދު ޝުޖާޢު، މަރްޔަމް ނިހާޔަތު، ޢަބްދުﷲ ޢަލީ އަދި މުޙައްމަދު ޙިލްމީއެވެ.

ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މިދިޔަ މަހުގެ 12ވަނަ ދުވަހު ރިޔާސީ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ސަތޭކަ މިލިއަން ރުފިޔާގެ ރައުސްމާލެއް އެކުލެވޭ ދައުލަތުގެ ކުންފުންޏެކެވެ. މި ރައުސްމާލު ބަހާލެވިފައި ވަނީ 100 ރުފިޔާގެ އަގުހުރި އެއް މިލިއަން ހިއްސާގެ މައްޗަށެވެ. އަދި ކުންފުނީގެ މާލީ ޒިންމާތަކަށް ދައުލަތުން ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި ސަރުކާރުން ނުދައްކާ އޮތް ހިއްސާގެ ފައިސާއެއް އޮތް މިންވަރަކުން ކަމަށް ރިޔާސީ ޤަރާރުގައި ކަނޑައަޅާފައިވެއެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުން ހިމެނެއެވެ. މިގޮތުން ލިބޭ ފައިސާ ބޭނުންކުރެވޭނީ ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކުރުމަށާއި، އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ދީނީ އެކިއެކި ހަރަކާތްތަކަށް ހޭދަކުރުމަށެވެ.

މިއީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގާ ވިޔަފާރިތައް ރާއްޖޭގައި ފުޅާކޮށް، ދީނީ ކަންކަމަށް ދައުލަތުން ކުރާ ހޭދަ އިތުރުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

Ads by HDC