އިންޑިއާގެ މާލީ އެހީތެރިކަމާއެކު ނޭޕާލްގެ މޮރަންގްގައި ބިނާކުރި ސްކޫލް އިމާރާތް ހުޅުވައިފި
އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމުގެ ދަށުން، ނޭޕާލްގެ މޮރަންގް ޑިސްޓްރިކްޓްގެ ގޮތްގައުންގެ ސުންދަރްހަރައިންޗާ މުނިސިޕަލިޓީ-7 ގައި ހުންނަ ޝްރީ ޕަންޗާޔަތު މަދްޔަމިކް ވިދްޔާލަޔާގައި އަލަށް އިމާރާތްކުރި ސްކޫލް އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ކަތަމަންޑޫގައި ހުންނަ އިންޑިއަން އެމްބަސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އައު އިމާރާތް ގުޅިގެން ހުޅުވައިދެއްވީ ކޯޝީ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ހިކްމަތު ކުމާރު ކާރްކީ އާއި، އެމްބަސީގެ ފަސްޓް ސެކްރެޓަރީ ނާރާޔަން ސިންގްގެ އިތުރުން ސުންދަރްހަރައިންޗާ މުނިސިޕަލިޓީގެ މޭޔަރު ކޭދާރް ޕްރަސާދު ގުރަގައިން އެވެ.
މި އައު ސްކޫލް އިމާރާތަކީ އިންޑިއާގެ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އަދި މި މަސައްކަތް އަމަލީގޮތުން ތަންފީޒުކޮށްފައިވަނީ ސުންދަރްހަރައިންޗާ މުނިސިޕަލިޓީ މެދުވެރިކޮށެވެ.
އެމްބަސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި ޗީފް މިނިސްޓަރު ކާރްކީ އަދި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުން ވަނީ އިންޑިއާއިން ވެދޭ ތަރައްޤީގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އައު އުމްރާނީ ތަރައްޤީގެ ސަބަބުން އެ މުނިސިޕަލިޓީގެ ދަރިވަރުންނާއި މުދައްރިސުންނަށް ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ފުރިހަމަވެގެންދާނެކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އެޗްއައިސީޑީޕީ ޕްރޮގްރާމް ފެށުނީއްސުރެ، ނޭޕާލްގެ ހަތް ޕްރޮވިންސަކާއި 74 ޑިސްޓްރިކްޓެއްގައި މިފަދަ 605 މަޝްރޫޢުއެއް މިހާތަނަށް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 103 މަޝްރޫޢުއެއް ކޯޝީ ޕްރޮވިންސްގައި ކުރިއަށްގެންގޮސްފައިވާއިރު، އޭގެ ތެރެއިން 17 މަޝްރޫޢުއަކީ މޮރަންގްގައި ހިންގާފައިވާ މަޝްރޫޢުތަކެކެވެ.
މީގެ އިތުރުންވެސް، ކޯޝީ ޕްރޮވިންސްގެ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ މުއައްސަސާތަކަށް އިންޑިއާ ސަރުކާރުން ވަނީ 150 އެމްބިއުލާންސާއި 62 ސްކޫލް ބަސް ހަދިޔާކޮށްފައެވެ. އެ ބަޔާނުގައިވާ ގޮތުން މީގެ ތެރޭގައި މޮރަންގްއަށް ދީފައިވާ 21 އެމްބިއުލާންސާއި 17 ސްކޫލް ބަސް ހިމެނެއެވެ.
މިފަދަ އެޗްއައިސީޑީޕީ މަޝްރޫޢުތަކަކީ ނޭޕާލްގެ ތަރައްޤީއަށާއި، އިސްކަންދޭ މުހިންމު ދާއިރާތަކުގެ އުމްރާނީ ބިނާވެށި ވަރުގަދަކުރުމަށް އިންޑިއާއިން ދެމުންގެންދާ އެއްބާރުލުމާއި ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
