ކިއުގައި ތިބި އުމުރުން 70 އަހަރުން މަތީގެ އެންމެންނަށް ޙައްޖުގެ ފުރުޞަތު ދެނީ
ޙައްޖު ކިއުގައި ތިބިނއުމުރުން 70 އަހަރުން މަތީގެ މީހުންގެ ތެރެއިން ކިއުގައި ތިން އަހަރު ހޭދަކޮށްފައިވާ ހުރިހާ ރައްޔިތުންނަށް 1448ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި އުސޫލުގެ ދަށުން ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކައި ކިއުއިން ޖާގަ ކަށަވަރުކޮށްފައިވާ، އަދި 2026ވަނަ އަހަރުގެ ނިޔަލަށް 70 އަހަރު ފުރޭ މީހުންނަށެވެ. މި ބަދަލާ އެކު، އަންނަ 1448ވަނަ އަހަރު ދޮށީ އުމުރުގެ ޖުމްލަ 324 މީހަކަށް ޙައްޖަށް ދިއުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނޭކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި، މި އައު އިންތިޒާމު ކުރިއަށް ގެންދާނީ އެއްވެސް ތަފާތުކުރުމެއް ނެތި، އުމުރާއި ކިއުގައި ހޭދަވި މުއްދަތަށް ބިނާކޮށް ހާމަކަންބޮޑު ގޮތެއްގައެވެ. މި ޚާއްޞަ އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް އެކަންޏެވެ. އަދި އުމުރުން ދުވަސްވީ މީހުންނާ އެކު އެހީތެރިއެއްގެ ގޮތުގައި ދިއުމަށް ފައިސާ ދައްކާފައިވާ އާއިލީ މެންބަރަކަށް ވެސް ފުރުޞަތު ގެއްލިގެން ނުދާނެހެން އިންތިޒާމުތައް ވަނީ ރޭވިފައެވެ.
ދޮށީ އުމުރުގެ މީހުންނަށް އިސްކަންދިން ނަމަވެސް، 1448ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކުރެވިފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ ފުރުޞަތަކަށް އެއްވެސް ލަސްކަމެއް ނާންނާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އެހެންނަމަވެސް، 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޙައްޖު ކޯޕަރޭޝަނުން ދެކޭގޮތުގައި މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރިކޮށް ހިފައި، ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ލަސްތަކެއް ނުވެ ޙައްޖު ކިއުގެ ނިސްބަތް ބަދަލުވެ، މުސްތަޤުބަލުގައި ޒުވާނުންނަށް ވެސް އަވަހަށް ޙައްޖަށް ދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
