ޚަބަރު

ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހދ. ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ކުމުންދޫ ކައުންސިލު ރައީސް ޢަލީ ޤާސިމްއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވައި، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސްއެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުމުންދޫގައި މި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27ވަނަ ދުވަހުއެވެ.

މީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެކެވެ.

Ads by HDC