އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން ގޮވާލި "ޑެތު" ހައްޔަރުކޮށްފި
އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން ގޮވާލި ހއ. ބާރަށް/ކުއްޅަވައްގެ/ އަލީ ޖުމާން (ޑެތު)ހައްޔަރުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ޖުމާން އެފަދައިން ގޮވާލި ރަސްމާލެ 99އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލައިފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ޖުމާން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ހިތްވަރުދިންކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.
