އިންޑިއާއިން ޑީޕޯޓްކޮށްލި ސަމަދުބެ ރާއްޖެ އަތުވެއްޖެ

އިންޑިއާގެ ބެންގަލޫރަށް ބޭސް ފަރުވާއަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަނުން ހައްޔަރު ކުރި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓުކޮށްލައިފިއެވެ.
ސަމަދުބެ އިންޑިއާއަށް ގޮސްފައިވަނީ ބޭސްފަރުވާއަށް އާއިލާއެކުގައެވެ. ސަމަދުބެގެ އާއިލާއަށް އިންޑިއާގައި ބޭސްފަރުވާގެ ހުއްދަދިން ނަމަވެސް ސަމަދުބެ ޑީޕޯޓްކޮށްލަން ނިންމާފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ. ސަމަދުގެ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށް ޕީޕީއެމްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ސަމަދުބެއަކީ އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އިންޑިއާގެ ހައި ކޮމިޝަނަރު އުޅުއްވާ ގެކޮޅު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ އިސް ސަފުގައި ހަރަކާތްތެރިވެފައިވެއެވެ. ބައެއް މުޒާހަރާތަކުން ސަމަދުބެ ފުލުހުންގެ ހައްޔަރަށް ވެސް ގެންދެއެވެ.
ސަމަދު މިއަދު ރާއްޖެ އައުމުން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ވަނީ މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސްފައެވެ. ޕީޕީއެމް އިން އެއީ އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއް ކަމަށެވެ.







ކޮމެންޓް